Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އެޗްއާރްއެޗްގެ ގައިނީ އަހުމަދު ކުޑަހުވަދު އަށް

އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި މަސައްކަތް ކުރައްވާ ގައިނީ ޑޮކްޓަރު ކުއްލި ގޮތަކަށް ދ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން، ހިތަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުގެ ގައިނީ ޑޮކްޓަރު އަހުމަދު މުހައްމަދު އަލީ އެހެން ރަށަކަށް ބަދަލުކުރީ، ހެލްތު މިނިސްޓްރީން އަންގައިގެން ވަގުތީ ގޮތުން ކަމަށެވެ.

ހިތަދޫ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ދެ ގައިނީ ޑޮކްޓަރުންގެ ތެރެއިން ޑރ. އަހުމަދު މުހައްމަދު އަލީ އަކީ އައްޑޫގެ ގިނަ މީހުންގެ އިތުބާރާއި ލޯބި ހޯދާފައިވާ ފަރާތެކެވެ.
މިވަގުތު ހިތަދޫ ހޮސްޕިޓަލުން ފަރުވާ ހޯދަމުން ގެންދާ 280 މާބަނޑު މީހުން ތިބިއިރު، އެފަރާތްތަކުން ގެންދަނީ ޑރ. އަހުމަދު އެހެން ރަށަކަށް ބަދަލު ކުރާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"ކޮންމެ ފަހަރަކު ރަގަޅު ޑޮކްޓަރަކު އަންނައިރަށް އެހެން ރަށަކަށް، ނޫނީ މާލެ އަށް ގެންދާނެ. މި ގައިނީ ޑޮކްޓަރު ބަދަލު ކުރުމަކީ ވަރަށް ދެރަ ކަމެއް."، ހިތަދޫ އިން ވާހަކަ ދެއްކި މާބަނޑު އަންހެނަކު ބުންޏެވެ.

އައްޑޫލައިވް" އާއި ވާހަކަ ދެއްކި ފޭދޫ މީހަކު ބުނީ އޭނާގެ އަންހެނުން ސިޒޭރިއަން ހަދަން އަންނަ ހަފްތާގައި ޖެހޭއިރު އެމީހުން މަޑުކޮށްގެންތިބީ އަހްމަދު މުހައްމަދުއަށް ބަލައިގެން ކަމަށެވެ. މިކަން މިހެން ވާނެކަން އެނގޭ ނަމަ އަންހެނުން ވިއްސަން މަޑު ނުކުރާނެކަމަށެވެ.

"އަންހެނުން އަންނަ ހަފްތާގައި ސިޒޭރިއަން ހަދަން އޮތީ، މިއަދު މިއެނގުނީ އަހްމަދު ނެތްކަން، ވަރަށް ކަންބޮޑުވެފައި މިހުރީ"

ހިތަދޫ ހޮސްޕިޓަލުން މައުލޫމާތު ދެއްވާ ގޮތުގައި، ޑރ. އަހުމަދު ކުޑަހުވަދޫ އަށް ބަދަލު ކުރީ 10 ވަރަކަށް ދުވަހަށް ކަމަށެވެ. އަދި ވަރަށް އަވަހަށް އެނބުރި އެ ހޮސްޕިޓަލަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވައެވެ.

މިސްރަށް އުފަން އަހްމަދު މުހައްމަދަކީ ފަހުގެ ތާރީހެއްގައި ހިތަދޫ ހޮސްޕިޓަލުގައި އެންމެ ގިނަ ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ހޯއްދަވައިގެން މަސައްކަތް ކުރައްވާ ޑޮކްޓަރެކެވެ. ބަލި މީހުންނާއި އަދި ހޮސްޕިޓަލްގެ މުވައްޒަފުންނާއި ގާތް ގުޅުމެއް ބާއްވާ ބޭފުޅެކެވެ.

ހިތަދޫ ހޮސްޕިޓަލުން މިގޮތަށް ވިދާޅުވި ނަމަވެސް މީގެ ކުރިން ވެސް ވަގުތީ ގޮތުން އެހެން މަރުކަޒުތަކަށް ބަދަލު ކުރި ބައެއް ޑޮކްޓަރުން އެނބުރި އައިސްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.