Last Updated: April 25, 20:04
Thursday, April 25, 2024
މުނިފޫހިފިލުވުން

"ބަދްލާޕޫރް 2" ގައި ދީޕިކާ ޕަދްކޯން

ދެހާސް ފަނަރަ ވަނަ އަހަރު ނުކުތް "ބަދްލާޕޫރް" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމެކެވެ. އަންހެނުން މަރާލުމުން، އޭގެ ބަދަލު ހިފަން ފިރިއަކު ކުރާ މަަސައްކަތް ދައްކުވައިދޭ އެ ފިލްމަކީ ވަރުން ދަވަންގެ ވަރަށް މޮޅު އެކްޓިންއެއް ވެސް ފެނިގެން ދިޔަ ފިލްމެކެވެ.

ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް، ސްރީރާމް ރަގަވަން ޑައިރެކްޓްކޮށްފައިވާ "ބަދްލާޕޫރް" ގެ ދެވަނަ ބައެއް ހަދަން ނިންމާފައިވާކަން ދިނޭޝް ވަނީ ކަށަވަރުކޮށް ދީފަ އެވެ. އޭނާ ބުނީ ދެވަނަ ބައި ބިނާ ވާނީ އަންހެން ކެރެކްޓާއެއްގެ މައްޗަށެވެ.

ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން "ބަދްލާޕޫރް" ގެ މައި ކެރެކްޓާއަކީ ދީޕިކާ ޕަދްކޯނެވެ. ފިލްމް ޑައިރެކްޓް ކުރާނީ މި ފަހަރު ވެސް ސްރީރާމް އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ނިކުތް "ބަޖިރާއޯ މަސްތާނީ" އަށް ފަހު، ދީޕިކާ މިހާތަނަށް އެއްވެސް ހިންދީ ފިލްމަކުން ފެނިފައެއް ނުވެ އެވެ.

އޭނާގެ އެންމެ ފަހުގެ ރިލީޒަކީ ޖެނުއަރީ މަހު ރިލީޒް ކުރި ހޮލީވުޑް ފިލްމް "ޓްރިޕްލް އެކްސް: ދަ ރިޓާން އޮފް ޒެންޑަ ކޭޖް" އެވެ.

އެހެން ނަމަވެސް ރިޕޯޓްތައް މިހާރު ބުނާ ގޮތުން ދީޕިކާ އާ ތިން ފިލްމަކަށް ސޮއިކޮށްފައިވާ އިރު، އޭގެ ތެރެއިން އެއް ފިލްމަކީ "ބަދްލާޕޫރް 2" އެވެ.

އޭނާ ވަނީ ވިޝާލް ބަރަދްވާޖްގެ "ކްއީންސް އޮފް މުމްބާއީ" އަށާއި އަދި ވަކި ނަމެއް ދީފައި ނުވާ ހަނީ ތުރެހާންގެ ފިލްމަށް ވެސް ސޮއިކޮށްފަ އެވެ.

ދީޕިކާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމް "ޕަދްމާވަތީ" އިންނެވެ. އެ ފިލްމް ރިލީޒް ކުރާނީ މޮވެމްބަރު މަހުގެ 17 ގަ އެވެ.

އެކަމަކު އޭގެ ކުރިން ޖޫން 9 ގައި ރިލީޒް ކުރާ "ރާބްތާ" ގެ ހާއްސަ ލަވައަކުން ދީޕިކާ ފެނިގެން ދާނެ އެވެ.