Last Updated: April 20, 06:38
Saturday, April 20, 2024
ޚަބަރު

އެޗްޕީއެލްގެ މުވައްޒަފުންނަށް ރޯދަ އެލަވަންސެއް ނުލިބޭ!

ހިތަދޫ ޕޯޓްސް ލިމިޓެޑް (އެޗްޕީއެލް) ގެ މުވައްޒަފުންނަށް ރޯދަ މަސް ފެށުނު އިރު ވެސް ރޯދަ އެލަވަންސް ލިބިފައި ނުވާތީ އެކަމާ މުވައްޒަފުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

"އައްޑޫ ލައިވް" އަށް އެޗްޕީއެލްގެ މުވައްޒަފަކު ބުނެފައި ވަނީ ރޯދަ އިނާޔަތް ނުދީ ލަސްވަމުން ދަނީ އެ އިދާރާގައި މަސައްކަތް ކުރާ މުވައްޒިފަކު ވަޒީފާއިން ވަކިވުމާއި ގުޅިގެން ކަމަށް އިސްވެރިންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ރޯދަ އިނާޔަތް ލަސްވަމުން ދަނީ މުވައްޒިފުންނަށް މުސާރަ ދިނުމާއި އިދާރީ ކަންތައް ބަލަހައްޓަމުން ދިޔަ ސްޓާފަކު ވަޒީފާއިން ވަކިވުމާ ގުޅިގެން ކަމަށް އިސްވެރިން ބުނަނީ،"

އެޗްޕީއެލްގެ މުވައްޒިފުންނަށް މި ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް ހަމަޖެހިފައި ވަނީ މި މަހުގެ މުސާރައާ އެއްކޮށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އަދި މުސާރަ މާދަމާ ޖަމާވާނެ ކަމަށް އެޗްޕީއެލް އިން މިހާރު ވަނީ މުވައްޒަފުންނަށް އަންގައިފަ އެވެ.

އެޗްޕީއެލްގެ މުވައްޒަފުންނަށް ރޯދަ މަސް ފެށުނު އިރުވެސް ރޯދަ އެލަވަންސް ލިބިފައި ނުވާ އިރު، ގާނޫނާއި އެއްގޮތަށް ރޯދަ މަހުގެ އިނާޔަތް، ދިނުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން މީގެ ކުރިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ވަނީ، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3،000ރ. ދޭން ވާނެ ކަމަށް ބަޔާންކޮށްފަ އެވެ.