Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ދަރިންނާ ދިމާލަށް މި ބަސްތައް ނުބުނާތި!

ކޮންމެ މީހަކު ވެސް އެ މީހެއްގެ ދަރިން ދެކެ ލޯބިވާނެ އެވެ. އެހެން ނަމަވެސް ބައެއް ފަހަރު ބައެއް ކަންތައްތަކާ ހިތްހަމަނުޖެހެނިން، ނޫނީ ދަރިންގެ ފަރާތުން ހިތް ނޭދޭ ކަހަލަ ބައެއް ކަންތައްތައް ފެނުމުން، އެއްޗެހި ބުނެވޭނެ އެވެ. އަޑުލައި، ދަރިފުޅާ ދިމާލަށް އެއްޗެހި ގޮވޭނެ އެވެ.

އެކަމަކު އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ދަރިން ތަރުބިއްތު ކުރުމުގައި ބައެއް ފަހަރު ހަރުކަށިކަން އިސްކުރަން ޖެހޭ ފަހަރު ވެސް އަންނާނެ އެވެ.

އެހެން ނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ ދަރިފުޅާ ދިމާލަށް ބުނަން ނުވާ ކަހަލަ އެއްޗެހި ނުބުނާށެވެ. ކިތަންމެ ރުޅިގަދަ ވިޔަސްމ ދަރިންނާ ދިމާލަށް އަމުދުން ދަރިންގެ ހިތަށް މާ ބޮޑަށް ވެސް އަސަރު ކުރާ ކަހަލަ ބަސްތައް ބޭނުންކޮށްގެން ނުވާނެ އެވެ.

މިސާލަކަށް ދަރިފުޅާ ކުރާ ކަމަކާ ހިތްހަމަނުޖެހިގެން، އެއްޗެއް ބުނުމުން ރޯން ފަށައިފި ނަމަ، "ތިމަންނަގެ ކުރިމަތީގައި ހުރެ ރޯނެ ކަމެއް ނެރޭ ހަމަ މިހާރު ހުއްޓާލާށޭ" ކަހަލަ އިންޒާރުގެ ބަސްތައް ބޭނުން ނުކުރާށެވެ. އޭގެ ބަދަލުގައި ދަރިފުޅު ރުއިން ހުއްޓައިލާ ކަހަލަ ކޮންމެވެސް އެހެން ބަހަކުން މުއާމަލާތްކޮށް، ދިމާ ދައްކާ ވާހަކަ ދަރިފުޅު އަހާ ކަހަލަ ގޮތަކަށް އަމަލުތަކާއި ބަސްމަގު ބަހައްޓާށެވެ.

ހަމަ އެގޮތަށް "ތީ އަހަރެން އުންމީދު ކުރި ކަހަލަ ދަރިއެއް ނޫނޭ" މިފަދަ އިބާރާތްތައް ވެސް ދަރިންނާ ދިމާލަށް ނުބުނާށެވެ. ދަރިފުޅުގެ ފަރާތުން ހިތްހަމަނުޖެހޭ ކަހަލަ ކަމެއް ފެންނަ ނަމަ އެކަން ރަނގަޅު ކުރަން މަސައްކަތް ކުރުވާށެވެ. ހިތްވަރު ދޭށެވެ. ދަރިފުޅު ހިތްވަރު އެލި، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އެފަދަ ބަސްތަކުން ގެއްލޭ ގޮތް ވާނެ އެވެ.

"ތީ އެއްވެސް ކަމެއް ކުރެވޭ މީހެއް ނޫނޭ" ދަރިންނާ ދިމާލަށް އެއްގޮތަކަށް ވެސް ނުބުނާށެވެ. އޭގެ ބަދަލުގައި ކަންކަން ރަނގަޅުކޮށް، ކަންކަން ކުރުމަށް ދަސްކޮށްދީ ހިތްވަރު ދޭށެވެ. އަދި ބުރަކޮށް، ހިތްވަރާ އެކު މަސައްކަތްކޮށްފި ނަމަ ކޮންމެ ކަމެއް ވެސް ކުރެވޭނެކަން ދަރިންނަށް ސާބިތުކޮށްދީ، އެެ އަޒުމް ވަރުގަދަކޮށް ދޭށެވެ.

"ބޮޑެތި ކުދިން ބިރެއް ނުގަންނާނޭ" ދަރިންނާ ދިމާލަށް ނުބުނާށެވެ. މައިންބަފައިން ބައެެއް ފަހަރު ދަރިންނާ ދިމާއަށް އެހެން ބުނަނީ ބިރުކަނޑުވާލަން ކަމަށް ވިޔަސް، އެގަދަ އިބާރާތްތައް ބުނުމުން ބައެއް ކަހަލަ ކަންކަން ކުރަން ދަރިން ފަހެއް ނުޖެހޭނެ އެވެ. އެކަހަލަ ހާލަތެއްގައި ކުރަން ނުވާ ޒާތުގެ ކަންކަން ވެސް އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކިގެން ދަރިފުޅުކޮށްފާނެ އެވެ.

ދަރިންނާ ދިމާއަށް "ތިއީ ބޭކާރު މީހެކޭ" އެއްގޮތަކަށް ވެސް ނުބުނާށެވެ. ދަރިން ދުނިޔެ އަށް އަންނަނީ މައިންބަފައިން ބޭނުންވެގެންނެވެ.

އެހެންވީމާ ދަރިން މައިންބަފައިން ބޭނުން ގޮތަކަށް ތަރުބިއްޔަތު ކުރެވޭނެ އެވެ. ހިތްހަމަނުޖެހޭ ކަހަލަ ކަމެއް ދިމާވާ އިރަށް، ދަރިންނަށް އެ މީހުންނަކީ އެއްވެސް ބައެއް ނޫންކަން އިހުސާސް ކުރެވޭ ކަހަލަ ބަސްތައް ބުނެގެން ނުވާނެ އެވެ.

"ތިއީ ވަރަށް ގޯސް ކުއްޖެކޭ" ދަރިންނާ ދިމާލަށް ނުބުނާށެވެ. ދަރިންނަށް ރަނގަޅު މަގު ދައްކައިދީ، ރަނގަޅު މިސްރާބަކަށް ދާން މަގޮށައި ދޭން ތިބޭނީ މައިންބަފައިންނެވެ. ދަރިއެއްގެ ފަރާތުން ހިތް ނޭދޭ ކަހަލަ ކަމެއް ފެންނަ އިރެއް، އެ ކުއްޖެއްގެ ކަރުގައި ގޯސް ކުއްޖެއްގެ ޓެގް ނާޅުވާށެވެ. އެއީ ވަރަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެކެވެ.

ދަރިންނާ ދިމާލަށް "ފަލައޭ" ނުބުނާށެވެ. ދަރިންގެ ކެއުމުގެ އާދަތަކާއި ކެއުމުގެ އަދަބުތައް ދަސްކޮށް ދޭން ޖެހޭ ބަޔަކީ މައިންބަފައިންނެވެ. އެހެންވެ ދަރިން ފަލަކޮށް ތިބި ނަމަވެސް، ދަރިންނާ ދިމާލަށް ފަލައޭ، ކޭމާޓޭ ކަހަލަ ބަސްތައް ރައްދު ނުކުރާށެވެ. އެކަން އެގޮތަށް ކުރެވޭ ނަމަ އެއީ ބުލީ ކުރުމެވެ. ގޭތެރެއިން ބުލީ ކުރެވޭ ނަމަ، ދަރިންނަށް ދެން ރައްކާތެރިކަން ލިބޭނީ ކޮންތާކުން ހެއްޔެވެ؟

އެހެންވެ ދަރިންނާ ދިމާލަށް އެފަދަ ބަދަލުގައި ކެއުމުގެ އާދަތައް ދަސްކޮށްދީ، ކެއުން ކޮންޓްރޯލް ކުރަން ދަސްކޮށް ދޭށެވެ. ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާ ގޮތަށް ކެއުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ ވެސް މައިންބަފައިންގެ ކަމެކެވެ.