Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އާސެނަލް 13 ވަނަ ފަހަރަށް އެފްއޭ ކަޕް އުފުލާލައިފި

އިނގިރޭސި އެފްއޭ ކަޕް ފައިނަލުގައި ލީގް ޗެމްޕިއަން ޗެލްސީ އާއި އާސެނަލް ބައްދަލު ކުރި މެޗު 1-2 އިން އާސެނަލް ކާމިޔާބުކޮށް މުބާރާތް ރެކޯޑް 13 ވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑު ތަށި ނެގުމަށްފަހު އާސެނަލްއާއި އެއްހަމަ ކުރުމަށްފަހު ޖެހިގެން އައި ސީޒަނުގައި އަނެއްކާވެސް ޔުނައިޓެޑަށްވުރެ ކުރިއަށް ޖެހިލާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ވަރަށް ކުރީ ކޮޅު އާސެނަލްގެ އެލެކްސިސް ސަންޗޭޒް ވަނީ ޖަހައި ލީޑު ނަގާފައެވެ. ހަތަރު ވަނަ މިނެޓުގައި ސަންޗޭޒް ޖެހި ގޯލާއެކު އާސެނަލްއަށް ވަނީ ޗެލްސީއަށް ޕްރެޝަރު ކުރުމަށް ފުރުސަތު ހޯދާފައެވެ.

މެޗުގެ ފުރަތަމަ ހާފު ސަންޗޭޒްގެ ގޯލާއެކު އާސެނަލް ލީޑުގައި އޮވެ ނިންމާލާފައިވާއިރު ދެވަނަ ހާފުގައި ޗެލްސީގެ މޯސެސް އަށް ރެފްރީ ވަނީ ދެރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ. މެޗުގެ ފަހު 15 މިނެޓު ކުޅުންތެރިޔަކު މަދުން ކުޅެން ޖެހުނު ނަމަވެސް ޗެލްސީ ވަނީ 76 ވަނަ މިނެޓުގައި ކޯސްޓާގެ ގޯލަކާއެކު ނަތީޖާ އެއްވަރުކޮށްފައެވެ.

އެހެންނަމަވެސް އާސެނަލް ވަނީ ދެ މިނެޓު ފަހުން މެޗުގެ ލީޑު އަނެއްކާވެސް ނަގާފައެވެ. ލަނޑު ޖަހާފައިވަނީ މުޅި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ރަމްސީއެވެ.

އާސެނަލްގެ ރެކޯޑު ތަށްޓާއެކު އަންނަ ސީޒަނުގެ ކޮމިއުނިޓީ ޝީލްޑުގައި ލީގު ޗެމްޕިއަން ޗެލްސީއާއި ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް އާސެނަލް ވަނީ މިސީޒަނުގައި ލީގު ތާވަލުގެ ފަސްވަނައިގައި ސީޒަން ނިންމާލަން ޖެހުމުން ފާއިތުވި 20 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ފުޓުބޯޅައަށް އަލްވަދާއު ކިޔާފައެވެ.