Last Updated: April 25, 17:15
Thursday, April 25, 2024
ޚަބަރު

މިއޮތީ ހައުސިންގެ ވަރުގަދަ ޑިޕާޓްމަންޓެއް!

ފާއިތުވި ހަފްތާގެ އާދީއްތަ ދުވަހު އިރުއެރުމާ އެކު އައްޑޫގެ ރައްޔިތުން ކައްކުވާލައި، ލޭ ހޫނުކޮށްލީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރަކްޗަގެ އައްޑޫ ޑިޕާޓްމަންޓުން އެދިގެން ފުލުހުން ގޮސް ހިތަދޫ ބަނދަރު ސަރަހައްދަށް ފެން ގުޅުމުގެ މަސައްކަތް ހުއްޓުވާލުމުންނެވެ.

އައްޑޫގެ ބައެއް އަވަށްތަކުގެ ބަނދަރަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ފެށީ މަސްވެރިންނާއި އާންމުންގެ ތެރެއިން ގިނަ ބަޔަކު އެކަމަށް އެދެމުން ދާތީއެވެ. އެކަމަކީ، ހައުސިން މިނިސްޓްރީގައި ވެސް ރައްޔިތުން އާދޭސް ދެންނެވި ކަމެކެވެ. އެކަން ހައުސިން އަށް ފުރިހަމަ ނުކުރެވުމަކީ މުޅިން އެހެން ވާހަކައެކެވެ.

ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓުން، ބަނދަރަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުވުމަކީ ވަރަށް ދެރަ ކަމެކެވެ. އެއީ ރައްޔިތުންނަށް ޚިދުމަތްތަކެއް ދޭން ގާއިމްކޮށްފައިވާ ދައުލަތުގެ މުއައްސަސާއަކުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓެއް އައްޑޫގައި އުފެއްދީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށެވެ. ރައްޔިތުންނަށް ސަރުކާރުން ވައުދުވީ "ކައުންސިލަށް ނުބެލެހެއްޓުނު" މަގުތަކުގެ މައްސަލަ ހައްލުކޮށްދޭނެ ކަމެވެ.

އައްޑޫ ސިޓީ ކައުންސިލުގެ ފިޔަތައް ކޮށާލުމަށް ފަހު ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީއަށް އައްޑޫގެ ރައްޔިތުންގެ ރުހުމެއް ނުލިބުނެވެ. އޭގެ އަސްލަކަށް ވެފައިވަނީ، ނާޤާބިލް ވެރިންނެވެ. އެއް ޕާޓީއަކަށް ވިޔަސް އެވެރިންގެ މެދުގައި އޮންނަ ސިޔާސީ ވާދަވެރިކަމެވެ.

އައްޑޫގެ ވެލި މަގުތަކާއި ތާރު އެޅި މަގުތައް މަރާމާތު ކުރުމުގައި ހައުސިން މިނިސްޓްރީން ވަނީ ފެއިލްވެފައެވެ. އުޒުރަކަށް ދައްކަނީ އެމްއާރްޑީސީ އާއި މަގު މަރާމާތު ކުރުމަށް ހަވާލުކޮށްފައިވާ ވާހަކައެވެ. އެހެން ނަމަވެސް އެވާހަކަތައް އެމްއާރްޑީސީގެ އައްޑޫ އޮފީހުގެ ވެރިން އެކަން ދޮގުކުރައްވައެވެ.

ދެން އޮތީ، މަގުބައްތި ބެލެހެއްޓުމުގެ މަސައްކަތެވެ. އެކަން ކުރުމަށް ބޭނުންވާ ހާއްސަ ވެހިކަލެއް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ގެނައި ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ފަށައެއް ނުގަނެވެއެވެ.

ތާރުއަޅައިގެން ހަދާފައިވާ ހިތަދޫ ބޮޑުމަގުގައި އަޅާފައިވާ ސްޕީޑް ބްރޭކަރުތަކުގެ ކުލަ ވެއްޓި މަގު ހިރަފުސް ވެފައިވާ އިރު، އެމަގުތައް ސާފުކުރުމަށް މަސައްކަތެއް ނުކުރެވެއެވެ. އޭގެ އުޒުރަކީ، މުވައްޒަފުން މަދުވުމެވެ. އެކަން ހައްލުކުރުމަށް އިތުރު މުވައްޒަފުން ނަގަން އަދި އެހެން ގޮތެއް ހޯދުމަށް މަސައްކަތް ކުރުމަށް އެކަށީގެންވާ މުއްދަތު ފާއިތުވެ ހިނގައްޖެއެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓުގެ މުވައްޒަފަކު ބުނި ގޮތުގައި، އެތަނުން އެކަށީގެންވާ ޚިދުމަތް ނުދެވޭ ސަބަބަކީ އެތަނުގައި އޮތް "ސިޔާސީ ހަނގުރާމަ" ކަމަށެވެ.

"ސިޔާސީ ގޮތުން މެޑަލް ޖަހަން ހަދައިގެން އެއް ވެރިޔަކު ބޭނުމެއް ނުވޭ އަނެއް ވެރިޔަކު ކުރާ ކަމަކަށް އެއްބާރުލުން ދޭން. ކަން ނިމޭއިރު ރައްޔިތުންނާއި ސަރުކާރާއި މިޖެހެނީ،"

އޭނާ ބުނިގޮތުގައި ދާދިފަހުން، ހިތަދޫއަށް އެރި ނަގޫރޯޅީގައި ވެސް ހައުސިން މިނިސްޓްރީގެ 'ރެސްޕޮންޑް' ލަސްކަމަށް މީހުން ވާހަކަ ދެއްކީ، މެޑަލް ޖަހަން ހަދައިގެން ކަމަށާއި، ބައެއް ފަރާތްތަކުން ހާލުގައި ޖެހުނު ފަރާތްތަކުގެ ގާތަށް ގޮސް އެފަދަ ވާހަކަ ދައްކާފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ އައްޑޫ އޮފީހުގެ ވެރިން ޤަބޫލުކުރައްވަން ޖެހޭ ހަގީގަތަކީ، އެ ޑިޕާޓްމަންޓާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތުގައި ނުކުރެވޭ ކަމެވެ. ސަރުކާރުން އެބޭފުޅުން މަޤާމުތަކަށް އައްޔަން ކުރެއްވީ، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށެވެ.

އޮފީހުގެ ފިނިކޮޓަރީގައި އިންނަވަނިކޮށް ޝަކުވާ ހިފައިގެންދާ ކޮންމެ ރައްޔިތަކަށް ބަވައި، އެހެން ބަޔަކު ކަންތައް ފަށާއިރަށް އެކަމަށް ހުރަސް އެޅުއްވުމުން ހާމަވެގެން ދަނީ ތިމާމެންގެ 'ގަޓުހުރި' ކަން އަދި ސިޔާސީ ބާރުވެރިކަމެއް ވެސް ނޫނެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފެއިލްވެފައިވާ މިންވަރެވެ. ނާޤާބިލްކަމެވެ.