މި ރޯދަ މަހު އައްޑޫގައި ކަރާ ކިލޯއެއްގެ އަގު 15 ރުފިޔާގައި ހިފެހެއްޓޭނެ ކަމަށް ގަބޫލް ކުރާ ކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.
"އައްޑޫ ލައިވް" އާ ވާހަކަ ދެއްކި އައްޑޫގެ ބައެއް ވިޔަފާރިވެރިން ބުނީ މާކެޓްގައި ކަރާ ލިބެން ހުރުމުގެ ސަބަބުން ކަރާގެ އަގު އެއް އަގެއްގައި ހިފެހެއްޓި ދާނެ ކަމަށެވެ.
ފާއިތުވި އަހަރު ކަރާ ކިލޯއެއް އެވްރެޖް ވިއްކާފައި ވަނީ 20ރ. އަށެވެ.
މީދޫ ކޯޕަރޭޓްސްއިން ބުނީ މި ފަހަރުގެ ރޯދަ މަހަށް މީދޫ ދަނޑުވެރިން ވަރަށް ބޮޑަށް ތައްޔާރުވި ކަމަށާއި އެންމެ ގިނައިން ދަނޑުވެރިން ހެއްދީ ކަރާ ކަމަށެވެ.
ކޯޕަރޭޓުން ވެސް ބުނީ ކަރާގެ އަގު 15ރ. ގައި ހިފެހެއްޓި ދާނެ ކަމަށެވެ.
މި އަހަރު ވެސް އައްޑޫގައި ގިނައިން ބޭނުން ކުރަނީ މީދޫން ހެއްދި ކަރާ އެެވެ. ނަމަވެސް ރޯދައާ ދިމާކޮށް މާލޭން އައި ބޯޓް ފަހަރުމަތިން ލ، އަތޮޅާއި ހުވަދޫން އައްޑު އަށް ވަނީ ކަރާ ގެނެސްފަ އެވެ.
މީދޫ ކޯޕަރޭޓުން ބުނީ އެ ކޯޕަރޭޓިވްއާ ގުޅިގެން ވިޔަފާރި ކުރާ ފިހާރަތަކުން ރޯދަ މަސް ނިމެންދެން ކަރާ ފޯރުކޮށް ދެވޭނެ ކަމަށެވެ.
ކަރާގެ އަގު މާލޭ ދަތުރުވެރިންގެ މާރުކޭޓްގައި ވެސް ވަނީ 15ރ، ގައި ހިފެހެއްޓިފަ އެވެ.