Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އެސްޓީއޯގެ މުދަލާ އެކު އައްޑު އަށް އައި ބޯޓަކުން މަސްތުވާތަކެތި ފެނިއްޖެ

އެސްޓީއޯ އިން ރޯ ދައަށް ބޭނުންވާ މުދާ ހިފައިގެން އައްޑު އަށް އައި ބޯޓަކުން ގިނަ އަދަދަކަށް މަސްތުވާ ތަކެތި ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ބުނެފައި ވަނީ އިންޑިއާ އިން މުދާ ހިފައިގެން އަންނަ ބޯޓަކުން މަސްތުވާތަކެތި ގެންނަ ކަމަށް ފުލުހުންނަށް ލިބުނު އިންޓެލިޖެންސަށް މަޢުލޫމާތަކާ ގުޅިގެން އައްޑޫ ގައި މަސައްކަތް ކުރާ ފުލުހުންނާއި ފާރަގެމަ ގުޅިގެން ކަސްޓަމްސްގެ އެހީތެރިކަމާއެކު މެއި 25 ވަނަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނުގައި މިތަކެތި ހޯދާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ފާރަ ބޭނުންކޮށްގެން އެބޯޓް ބަލައި ފާސްކޮށްފައިވާ އިރު އެ ބޯޓުގެ އިންޖީން ރޫމްތެރެއިން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 500 ގްރާމުގެ ބޮޑު ރަބަރު ގަނޑެއް ފެނިފައިވެއެވެ.
މި މައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓަކީ އެސްޓިއޯއިން ޗާޓަރުކޮށްގެން ގެނައި ބޯޓެކެވެ.

މި ބޯޓުން މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނުމާއި ގުޅިގެން ބޯޓޫގެ ކެޕްޓަނާއި އިތުރު ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ.

ހިތަދޫ ބަނދަރުގެ މުވައްްޒަފަކު ބުނީ މިދިޔަ ހުކުރު ދުވަހު ބޯޓު ފުރުވަން ބެލިއިރު އެބޯޓުގެ ކެޕްޓަން އާއި އިތުރު ބަޔަކު ފުލުހުންގެ ބަންދުގައި ތިބުމުން ބޯޓު ނުފުރިގެން މައްސަލަ ޖެހުނު ކަމަށެވެ. އެ މައްސަލަ އާއި ގުޅިގެން ބަނދަރު މުވައްޒަފުންވެސް އެދުވަހު ޑިއުޓީ އަދާ ކުރަން ޖެހުނު ކަމަށެވެ.

މީގެ ކުރިންވެސް އެސްޓިއޯ ބޯޓެއް ފުލުހުންވަނީ ޗެކް ކޮށްފައެވެ. އެފަހަރު ބޯޓު ޗެކް ކުރުމަށްފަހު އެބޯޓުގެ ފަޅުވެރިންގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓިއެވެ.