Last Updated: June 23, 20:16
Tuesday, June 23, 2026
ކުޅިވަރު

ހަބޭސް އިއްބެ އަށް ގައުމީ ޓީމުން ޖާގައެެއް ނުދިން

ފޭދޫ ޓީމްގެ އިބްރާހިމް މަހްދީ، މަރަދޫ ޓީމްގެ ކުޅުންތެރިއެއްގެ ކައިރިގައި،

އަފްގާނިސްތާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ޒުވާން އުއްމީދީ ފޯވާޑް އިބްރާހިމް މަހުދީ ހުސެއިން (ހަބޭސް އިއްބެ) ބާކީކޮށްލައިފި އެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ވިދާލި އިއްބޭ ވަނީ ޓީސީ ސްޕޯޓްސް ކްލަބް އާއި ގުޅި ފުރަތަމަ ޑިވިޝަނުގައި ހުނަރު ދައްކާލައި ފައެވެ.

އޭގެ އިތުރުން މިއަހަރު ފެބްރުއަރީ މަހު ބަންގްލަދޭޝްގައި ކުރިއަށްދިޔަ ޝެއިހް ކަމާލް އިންޓަނޭޝަނަލް ގޯލްޑް ކަޕްގައި ޓީސީ ސްޕޯޓްސް ކްލަބް ޗެމްޕިއަންކަން ހޯދިއިރު އިއްބެ އަކީ އެޓީމްގެ މުހިއްމު ލަނޑުތައް ޖަހާދިން ކުޅުންތެރިއާއެވެ.

މި ސީޒަނުގައިވެސް އިއްބެ އަންނަނީ ހުނަރުވެރި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޓީސީ އެންމެ ފަހުން ވެލެންސިއާ އާއި ބައްދަލު ކުރި މެޗްގައި ޓީސީން ޖެހި 6 ލަނޑުގެ ތެރެއިން 3 ލަނޑަކީ އިއްބެ ޖެހި ލަނޑެވެ.

ގައުމީ ޓީމްގައި އިއްބެ ހިމެނޭނެކަމަށް ގިނަ ބަޔަކު ތިބީ އުއްމީދުކޮށްގެންނެވެ. އެއީ މިސީޒަންގައި އިއްބެ ދައްކަމުންދާ ހުނަރުވެރި ކުޅުމުގެ ސަބަބުންނެވެ. ނަމަވެސް ސްކޮޑް އިއްލާން ކުރިއިރު ޓީމަށް ނަގާފައިވަނީ ފާއިތުވި ދެއަހަރުވެސް ޓީމުން ޖާގަ ނުލިބުނު އަކްރަމް އަބްދުލް ޣަނީ އާއި ގްރީން ސްޓްރީޓްގެ ފޯވާޑު އަހްމަދު ރަޝީދު (އައްމަޑޭ) އާއި މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) އަށެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މާޗު މަހު ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ފައިނަލް ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މި ފަހަރު ބާކީވީ އިއްބެގެ އިތުރުން މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) އާއި ޔަސްފާދު ހަބީބް (މުލަކޭ) އާއި ވެލެންސިއާގެ ހިސާމް ސަލީމެވެ.

އަކްރަމް އާއި އައްމަޑޭ ޓީމަށް ނެގި އިރު ނިމިގެން ދިޔަ ދެ ސީޒަނުގައި މޮޅަށް ކުޅުނު އަހްމަދު ނާޝިދު (ނާއްޓޭ) އާއި މި ސީޒަންގައި އަނެއްކާވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ގައުމީ ޓީމްގެ ކުރީގެ މިޑްފީލްޑަރ މުހައްމަދު އާރިފް (ބަކާ)އަށްވެސް ފުރުސަތެއް ނުލިބެއެވެ.

ހަބޭސް އިއްބެ ގައުމީ ޓީމުން ބާކީ ކުރުމާއި ގުޅިގެން ފުޓްބޯޅައިގައި ހަރަކާތްތެރިވާ އައްޑޫގެ ބައެއް ތަޖްރިބާ ކާރު ކޯޗުން ބުނީ މިފަދަ ކަންކަމުން ދިވެހި ފުޓްބޯޅަ ކުރިއަށް ނުދާނެކަން ފެންނަ ކަމަށެވެ.

އޭނާ ބުނީ އުއްމީދީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ބަދަލުގައި އަދިވެސް ނުފޫޒު ގަދަ މީހުންގެ ބާރު ގައުމީ ޓީމަށް ފޯރާ ކަމަށެވެ. އެކަން މީގެ ކުރިންވެސް ދިވެހި ފުޓްބޯޅައިން ވަނީ ފެނިފައެވެ.