Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

މުޖޫ ފުލުހަށް ހާޒިރުވާން މުހުލަތެއް

ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ސޯޝަލް މީޑިޔާ އެކްޓިވިސްޓް މުޒައްރަފް މުހައްމަދު ނައީމް(މުޖޫ) ފުލުހަށް ހާޒިރުވުމަށް ދެ ހަފުތާގެ މުހުލަތެއް ދީފި އެވެ.

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މުޖޫ ނައީމަށް ދެހަފްތާގެ މުހުލަތެއް ދީފައިވަނީ އޭނާއަކީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތަކަށް ނުވާތީ އެވެ.

ފުލުހުން އޭނާ ހާޒިރުވުމަށް އަންގާފައިވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. މިސަރުކާރަށާއި ރާއްޖޭގައި ދިރިއުޅޭ ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ މީހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާ މުޖޫ ނައީމް ވަނީ ސޯޝަލް މީޑިޔާގައި އޭނާއަކީ އެއްވެސް ދީނެއް ގަބޫލު ނުކުރާ މީހެއް ކަމަށް އިއުލާންކޮށްފަ އެވެ.

އަދި އޭނާގެ ދީނާއި ދުރު ވިސްނުމާއި ފިކުރުގެ ސަބަބުން ގިނަ ބަޔެއްގެ ނުރުހުމާއި ފާޑުކިޔުންތައް ސޯޝަލް މީޑިޔާގަިއ ވަނީ އޭނާއަށް އަމާޒުވެފައެވެ. އަދި ބައެއް މީހުންގެ ފަރާތުން މަރުގެ އިންޒާރުތައްވެސް ލިބެމުންދާ ކަމަށް އޭނާ ވަނީ ސޯޝަލް މީޑިޔާގައި ހާމަކޮށްފައެވެ.

ފުލުހުން ކުރި އިއުލާނުގައި ދެހަފްތާ ތެރޭގައި އޭނާ އެއިދާރާއަށް ހާޒިރުނުވާނަމަ ޣައިރު ހާޒިރުގައި މައްސަލަ ބަލައި ޕީޖީ އޮފީހަށް ދައުވާ ކުރުމަށް ފޮނުވާނެ ކަމަށް ބުނެފައިވެއެވެ. ދާދި ފަހުން ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ވެލެޒިނީވެސް ފުލުހަށް ހާޒިރުވުމަށް ދެހަފްތާގެ މުހުލަތެއް ދީފައިވެއެވެ.