ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސޯޝަލް މީޑިޔާ އެކްޓިވިސްޓް، އަޒްރާ ނަސީމް ވެސް ދެ ހަފުތާތެރޭގައި ފުލުހަށް ހާޒިރުވުމަށް އަންގައިފި އެވެ.
ސޯޝަލް މީޑިޔާ އެކްޓިވިސްޓް، މުޖޫ ނައީމް ހާޒިރުވުމަށް މުހުލަތެއް ދިނުމަށްފަހު ފުލުހުން ވަނީ އަޒްރާ ވެސް ހާޒިރުވުމަށް އަންގާފައެވެ. ނަމަވެސް އަޒްރާ ވެސް ހާޒިރު ކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން ބުނެފައި ވަނީ އަޒްރާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި ޖަވާބުދާރީ ވުމުގެ ގޮތުން 14 ދުވަހުގެ ތެރޭގައި ރާއްޖެ އައިސް ފުލުހަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ އައިޝަތު ވެލެޒިނީ އާއި މުޒައްފަރު ނައީމް ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އަންގާފައިވާ އިރު ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މ. ވިކްޓަރީ އަބްދުﷲ ހާނީއަށް ވެސް ވަނީ އެ އިދާރާ އަށް ހާޒިރުވުމަށް އަންގައިފަ އެވެ.