ލަންޑަން- އިންގްލިޝް ޕްރެމިއާ ލީގުގައި ރޭ ކިއުޕީއާރް އާއި މަންޗެސްޓަ ޔުނައިޓެޑް ބައްދަލުކުރި މެޗް 2-0 ލަނޑުން ކާމިޔާބުކޮށް އެ ޓީމު ހިފަހައްޓަމުން އައި މޮޅުވުމުގެ ރިކޯޑް ރޭ ވެސް އާކޮށްފި އެވެ.
ކިއުޕީއާރުގެ ދަނޑުގައި ކުޅުނު މެޗްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މެޗްގެ 23 ވަނ މިނިޓްގައި ބްރެޒިލްގެ ޑިފެންޑަރ ރަފޭލް އެެވެ.
ބާރު ސްޕިޑްގައި ރަފޭލް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ. މެޗްގެ ދެވަނަ ލަނޑު ކާމިޔާު ކޮށްދިނީ މެޗް ނިމެން 10 މިނިޓަށް ވެފައިވަނިކޮށް ރިޔާން ގިގްސް އެވެ. ނާނީ ތަނަވަސްކޮށްދިން ބޯޅައެއް ކިއުޕީއާރްގެ ޑިފެންޑަރުން އޮފްސައިޑް ކޮށްގެން ތިއްބާ ގިގްސް ތުރޫވެ ގޯލަށް ފޮނުވާލީ ކީޕަރުގެ އަތް މަތިންނެވެ.
އޭގެ ދެ މިނިޓް ފަހުން ވެސް ރީތި ބޯޅައެއް ގިގްސް ގޯލަށް އަމާޒު ކުރި އެވެ. ނަމަވެސް އެ ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗް ނިމެމުން ދިޔަ ވަގުތު މަންޗެސްޓާއިން ކިއުޕީއާރުގެ ޑިފެންސްއަށް ބާރު ބޮޑު ކުރަމުން ދިޔަ އެވެ. އަދި އަނެއްކޮޅުން ކައުންޓާ އެޓޭކްގައި ކިއުޕީއާރުންވެސް މަންޗެސްޓާ އަށް ބޮޑު ކުރަމުން ދިޔަ އެެވެ.
ފުރަތަމަ ހާފް ނިމެން އުޅެނިކޮށް މަންޗެސްޓަގެ ފޯވަޑް ވެންޕާސީއަށް އިންޖަރީވެގެން އޭނާ ދަނޑުން ބާލަން ޖެހުނެވެ. ވަރުގަދަ ލައިން އަޕަކާއި އެކު ފެށި މެޗްގައި ފުރަތަމަ އެގަރައިން ރޭ ރޫނީ ނުފެނެ އެވެ. ރޫނީ ކުޅެން ނިކުތީ ފަހު ހާފްގައި އޭޝްލީ ޔަންގުގެ ބަދަލުގައިއެވެ. ރޭގައި ދެޓީމުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެވެ.
ރޭގެ ނަތީޖާ އާއި އެކު މަންޗެސްޓާ އޮތީ 64 ޕޮއިންޓާއިއެކު ތާވަލްގެ އެއްވަނާ ގަ އެވެ. އަދި 15 ޕޮއިންޓްގެ ތަފާތާ އެކު ތާވަލްގެ ދެވަނާގައި އޮތީ ވާދަވެރި މެންޗެސްޓަ ސިޓީ އެވެ.