Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށްފި

ފަނޑިޔާރަކު ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ޖެނުއަރީ މަހު ހައްޔަރުކުރި މާލޭ ސިޓީގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު، ޒައިދުލް އަމީންގެ ޝަރީއަތް ނިމެންދެން ގޭބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމައިފިއެވެ.

ޒައިދުގެ އަޑުއެހުންތައް ސިއްރުކުރުމަށް ކޯޓުން ނިންމާފައިވާތީ ޝަރީއަތުގެ ތަފްސީލު މީޑިޔާއަށް ލިބޭގޮތެއް ވަނީ ނުވެފައެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ޒައިދުގެ ޝަރީއަތް ނިމެންދެން ގޭބަންދުގައި ބެހެއްޓުމަށް ނިންމީ ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވުނު އަޑުއެހުމުގައެވެ.

ޒައިދުގެ މައްޗަށް އުފުލާފައިވަނީ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަ ކުރަން އުޅުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ގާނޫނީ ބާރު ހިންގުމަށް ދަތިކުރަން އުޅުމުގެ ދައުވާ އެވެ.

ނަމަވެސް މިދައުވާތަކަށް ޒައިދު ވަނީ އިންކާރުކޮށްފައެވެ. މީގެކުރިން އޭނާ ނެރުނު ނޫސްބަޔާނެއްގައި ފުލުހުން އޭނާގެ ލެޕްޓޮޕާއި ފޯނު ހިފަހައްޓައި ޗެކްކުރުމުންވެސް ތަހުގީގަށް ބޭނުންވާ ހެއްކެއް ފެނިފައިނުވާ ކަމަށް ބުނެފައިވެއެވެ.

އަދި ޒައިދު ވަނީ ރައީސް މައުމޫން ހައްޔަރުކުރުމަށް "ދޮގު ބަޔާން" ދިނުމަށް ފުލުހުން އޭނާ ކައިރީގައި ބުނި ކަމަށާއި އެގޮތަށް އަމަލުނުކޮށްފިނަމަ ސޯޝަލް މީޑިޔާ އެކްޓިވިސްޓް ޝުމްބާ ގޮންގްއަށް ހެދިގޮތަށް ޖަލުގައި ބާއްވާނެ ކަމަށް ފުލުހުން ބުނިކަމަށް ބުނެ ނޫސްބަޔާނެއް ނެރެފައެވެ.

ޒައިދުގެ ތުހުމަތުތައް ބަލާނެ ކަމަށް ފުލުހުން ބުނެފައިވިނަމަވެސް އޭގެ ފަހުން އެކަމާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއްނުވެއެވެ.