ފެނަކަ މުވައްޒަފުންނަށް ފަޔަ ސޭފްޓީ ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
މި މަހުގެ 16- 18ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލް ގައެވެ.
ފުރާނައިގެ ރައްކާތެރިކަމާއި ޕަވަރސްޓޭޝަންތަކުގެ ސޭފްޓީއަށް އިސްކަންދީގެން ކުރިއަށް ގެންދިޔަ މި ޓްރެއިނިން ޕްރޮގްރާމްގައި އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ފެނަކައިގެ 16 ރީޖަންއަކުން 19 މުވައްޒަފުން ބައިވެރިވިއެވެ.
ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ ޓެކްނީޝަނުންނަށް ބޭސިކް ފަޔަރ ފައިޓިންގް ހުނަރުތައް އެނގިފައި ނެތުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މިފަދަ ޓްރެއިނިންތަކުގެ އެހީގައި އެކުންފުނީގެ ޓެކްނީޝަނުންނަށް އަލިފާނުގެ ހާދިސާތަކުގައި ހަރަކާތްތެރިވާނެ ގޮތް އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަނުގެ އަތޮޅުތެރޭގެ ބްރާންޗްތަކުގައި 1260 އެއްހާ ޓެކްނީޝަނުން މަސައްކަތް ކުރެއެވެ. ފެނަކަ އިން މައުލޫމާތު ދޭ ގޮތުގައި ފަޔަރ ސޭފްޓީ ޓްރެއިނިންގ ޕްރޮގްރާމްގެ އިތުރު ބުރެއް ވަރަށް އަވަހަށް ބާއްވާނެއެވެ.