"އައްޑޫ ލައިވް" އާއި "#ޓިޗްފޯފްރީޕްރޮގްރާމް" ގުޅިގެން އައްޑޫގައި ނޫސްވެރިކަމުގެ ބޭސިކް ކޯހެއް ބާއްވަން ނިންމައިފި އެވެ.
ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ މިކޯހުގެ ކިޔައި ދެއްވާނީ ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމް ހޯއްދަވާފައިވާ އަދި ނޫސްވެރިކަމުގެ ގިނަ ތަޖުރިބާތަކެއް ކުރައްވާފައިވާ ހަސަން ޒިޔާއު އެވެ.
މި ކޯސް ފުރިހަމަ ކުރާ ބައިވެރިންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ބައިވެރިންނަށް "އައްޑޫ ލައިވް" ގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
ކޯސް ނިންމާ ބައިވެރިންގެ ތެރެއިން ރާއްޖޭގެ އެހެން ނޫހެއްގައި މަސައްކަތް ކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ހޯދައި ދިނުމަށް މަސައްކަތްކޮށް ދެވޭނެ އެވެ.
ކޯސް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ރޯދަ މަހުގެ ރޭގަނޑު 9:00-11 އަށެވެ.
ކޯހުގައި ބައިވެރިވާކަށް އެއްވެސް ފީއެއް ދައްކަވާކަށް ނުޖެހޭނެ އެވެ. ކޯހަށް ބޭނުންވާ މެޓީރިއަލް "އައްޑޫ ލައިވް" އަދި "#ޓިޗްފޯފްރީޕްރޮގްރާމް" އިން ފޯރުކޮށް ދޭނެ އެވެ.
މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 7774872 މި ނަމްބަރަށް ގުޅައިގެން ނުވަތަ އެސްއެމްއެސް ނުވަތަ ވައިބަ މެދުވެރިކޮށް ވެސް ބައިވެރިވެވި ދާނެ އެވެ.
މީގެ އިތުރުން "އައްޑޫ ލައިވް" ގެ ފޭސްބުކް ޕޭޖަށް މެސެޖްކޮށްގެން ނުވަތަ [email protected] މެއިލްކޮށްގެން ވެސް ބައިވެރިވެވިދާނެ އެވެ ކޯހުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ އެންމެ ފަހު ތާރީޚަކީ 04 ޖޫން 2017 އެވެ.
ޖެނުއަރީ 1، 2013 ގައި ހިންގަން ފެށި "އައްޑޫ ލައިވް" ނޫހަކީ ރާއްޖޭގެ އަތޮޅަކަށް ނިސްބަތްވާ އެންމެ ތާޒާ ހަބަރު ގެނެސްދޭ ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ ނިއުސް ވެބްސައިޓެވެ.