Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އެ ރަށު މީހުން ރޯދަ ހިފާ: މިނިސްޓްރީ

ދެކުނުގެ ރަށެއްގެ 70 ޕަސެންޓް މީހުން ރޯދަމަހު ދުވާލު އާއްމު މަސްތަކާ އެއްގޮތަށް ރޯދަ ނުހިފައި ކަމުންދާ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވި ވިދާޅުވުން އިސްލާމިކް މިނިސްޓްރީން ދޮގުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން ވިދާޅުވީ ޝެއިހް އަލީ ޒައިދަށް އެ މައުލޫމާތު ދީފައި ވަނީ ރަސްމީ އެއްވެސް ފަރާތަކުން ނޫން ކަމަށާއި އެއީ ދޮގެއް ކަމަށެވެ.

އެ ރަށުގެ ނަމެއް އިސްލާމިކް މިނިސްޓްރީން ވެސް ބުނެފައި ނުވެ އެވެ. މިނިސްޓްރީން ބުނީ އެ މައުލޫމާތުތަކާ ގުޅިގެން ބެލި އިރު އެ ރަށުގެ މީހުންނަކީ ބަރާބަރަށް ރޯދަ ހިފާ ބަޔަކު ދިރިއުޅޭ ރަށެއް ކަމަށެވެ.

ވިޔަފާރިވެރިންގެ މިސްކިތުގައި ރޯދަ މަހުގެ ފުރަތަމަ ދުވަހު އަސްރު ނަމާދަށް ފަހު ދަރުސް ދެއްވަމުން ޝައިޚް ޒައިދު ވިދާޅުވީ ދެކުނަށް ކުރެއްވި ދަތުރެއްގައި އެ ރަށަށް ދިއުމުން އެ ރަށުގެ މީހުންގެ ތެރެއިން 70 ޕަސެންޓް ރައްޔިތުން ރޯދަ ނުހިފާކަމާއި އާންމު މަހެއް ފަދައިން ކައްކާ ކައިބޮއިހަދާކަން އެނގުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގެން ދިޔަ ކަމަށެވެ.

ޝެއިހް އެގޮތަށް ވިދާޅުވުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ ޒައިދު ހާޒިރުކޮށް މައުލޫމާތު އޮޅުންފިލުވައިފަ އެވެ. އެ ވަހަކަތަކާ ގުޅިގެން އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.