ރާއްޖޭގެ ތިން ނޫސްވެރިއަކަށް ދިން ޙަމަލާ، ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައިފި އެވެ.
ރައީސް މި ޢަމަލު ކުށްވެރި ކުރައްވާފައި ވަނީ އެ މަނިކުފާނު ނެރުއްވި ނޫސް ބަޔާނެއް ގަ އެވެ.
ރާއްޖޭގެ ތިން ނޫސްވެރިއަކަށް އިއްޔެ ރޭ ދިން ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި މި ޢަމަލުތައް ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ޙައްޤު އަދަބު ދިނުމުގައި ސަރުކާރުން ފަތަށް ނުޖެހޭނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
"ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން، ނޫސްވެރިންނަށް އަމާޒުކޮށްގެން އެކިއެކި ޙަމަލާތައް ދެމުން ގެންދާކަމީ އަޅުގަނޑު ނުހަނު ކަންބޮޑުވާ ކަމެކެވެ. މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ހިންގަމުން ގެންދާ ނަމަ އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ރާއްޖޭގެ ނޫސްވެރިކަން ބިރުވެރި މާޙައުލެއްގެ ތެރެއަށް ވެއްޓިގެން ދިޔުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ. ރާއްޖޭގައި އުފެދިފައި މިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައިވެސް މަސައްކަތް ކުރަމުން ގެންދަންވާނީ ތަފާތު ޚިޔާލުތަކަށް ތަންދީގެނެވެ. އަދި ނޫސްވެރިންނަށް ބިރު ދައްކައި، އެމީހުންނަށް ޙަމަލާ ދީ، އެމީހުންނަށް ޤާނޫނު އަސާސީއާއި ޤާނޫނުން ލިބިދޭ މިނިވަންކަމަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިގެން ނުވާނެ އެވެ. ހަމަ އެހެންމެ، ޚަބަރު ފަތުރާ ވަސީލަތްތަކުންވެސް މަޢުލޫމާތު ފެތުރުމުގައި ޙަޤީޤަތަށް ބުރަވެ، ދޮގު މަޢުލޫމާތުތައް ފަތުރައި ހަދައިގެން ނުވާނެ އެވެ. އަދި މީޑިއާގެ ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރަން ވާނީ، ޤައުމުގެ ހަމަޖެހުމާއި އެއްބައިވަންތަ ކަމަށް، އަދި ޞުލްޙަމަޞްލަހަތަށް އިސްކަން ދީގެންނެވެ." ރައީސްގެ ބަޔާނުގައިވެ އެވެ. "މާލެ ތެރޭގައި މިހާރު ހިންގަމުން ގެންދާ އެކިއެކި ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށާއި، ހަމަނުޖެހުމަށް މަގުފަހިވާނެ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށްވެސް އަޅުގަނޑު މިފުރުޞަތުގައި ގޮވާލަމެވެ. އަދި ހަމަނުޖެހުން އުފެއްދުމަށް ބާރު އެޅޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ޢަމަލު ނުކުރުމަށާއި، ޤައުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ ފަރާތްތަކުން ޚާއްޞަކޮށް ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ. އަޅުގަނޑު ދެކޭ ގޮތުގައި ސިޔާސީ ދެބަސްވުންތައް ހަމަޖެހުމަކަށް އަންނާނީ މަގުމަތީގައި ހަމަނުޖެހުމާއި، މާރާމާރީތައް ހިންގައިގެނެއް ނޫނެވެ."
ރައީސް ވިދާޅުވީ ނޫސްވެރިންނަށް އަމާޒުކޮށްގެން ދޭ ޙަމަލާތައް ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވާ ކަމަށެވެ. އަދި ނޫސްވެރިކަން ކުރިއެރުވުމަށާއި، ނޫސްވެރިކަމުގެ މިނިވަން ކަމަށް މަސައްކަތްކުރާ ރާއްޖޭގެ އެކި ޖަމްޢިއްޔާތަކުން އެކުރަމުން ގެންދާ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް ރައީސް ވަނީ އަރުއްވާފަ އެވެ.
"ޙަމަލާގައި ވަރަށް ބޮޑަށް ޒަޚަމްވެ، މިހާރު ސްރީލަންކާގައި ފަރުވާ ދެމުންދާ ރާއްޖެ ޓީވީގެ ނިއުސް ހެޑް، ޑެޕިޔުޓީ ސީއީއޯ އިބްރާހީމް ވަޙީދަށް އަޅުގަނޑު އަވަސް ޝިފާއަކަށް އެދެމެވެ. އަދި، ރޭ ދިން އެހެން ޙަމަލާއެއްގައި އަނިޔާ ލިބުނު އެމް.ބީ.ސީ ގެ ޑެޕިޔުޓީ އެޑިޓަރު ޢާއިޝަތު ލީޒާއަށާއި، ރިޕޯޓަރު އާމިނަތު ޝާނީއަށްވެސް އަވަސް ޝިފާއަކަށް އެދެމެވެ." ރައީސްގެ ބަޔާނުގައިވެ އެވެ.