ދިވެހި ރާއްޖެއަށް ޓެރަރިސްޓު ހަމަލާއެއްގެ ނުރައްކަލެއް ނެތް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް ބުނެފި އެވެ.
ފުލުހުންގެ ތަރުޖަމާނާ ހަވާލާދީ "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިނގިރޭސި ވިލާތާއި އޮސްޓްރޭލިޔާއިން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެގައުމުތަކުގެ ރައްޔިތުންނަށް އެންގި ނަމަވެސް ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއްގެ ނުރައްކަލެއް ނެތެވެ.
ފުލުހުން ވިދާޅުވެފައިވަނީ ޓްރެވަލް އެޑްވައިޒަރީ ނެރުމަކީ އާންމު ކަމެކެވެ. އެގޮތަށް ދެގައުމަކުން ރާއްޖެއާއި ގުޅިގެން އެފަދަ އެޑްވައިޒަރީއެއް ނެރެފައިވާތީ ފުލުހުން ބަލަން ޖެހޭ ކަންތައް މިހާރު ބަލަމުންދާ ކަމަށާއި ނަމަވެސް ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއްގެ ނުރައްކަލެއް ނެތް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ނަމަވެސް ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ އެޕްރިލް މަހުގެ 24 ވަނަ ދުވަހު މާލެއިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ދާދިފަހުން މާލޭގައި އިސްލާމިކް ސްޓޭޓުގެ ދިދަވެސް ބަޔަކު ވަނީ ނަގައި އޭގެ ފޮޓޯ ނަގާފައެވެ.