Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ކައުންސިލްގެ ފަންޑުފޮށި މާދަމާ ބަންދު ކުރަން ނިންމައިފި

މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ހިތަދު އަށް އެރި ނަގޫރޯޅީގައި ގެއްލުންވި އާއިލާތަކަށް އެހީވުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ހުޅުވި ފަންޑުފޮށި މާދަމާ ބަންދު ކުރުމަށް ނިންމައިފި އެވެ.

ނަގޫރޯޅީގައި 29 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ އިރު 13 ގެއަކަށް މީހުން ދިރިނޫޅެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މާދަމާގެ ނިޔަލަށް ހުޅުވާލި ފަންޑު ފޮއްޓަށް ވަރަށް ގިނަ ރައްޔިތުންގެ ތަރުހީބު ލިބިފައިވާ ކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށް، މިފަދަ ކޮންމެ ދަނޑިވަޅެއްގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ކައުންސިލުން ބުނެފައިވާ ގޮތުގައި މިއަދުގެ ނިޔަލަށް ފަންޑު ފޮއްޓަށް 66،600ރ. ލިބިފައިވާ ކަމަށެވެ.

އަދި މާދަމާގެ ނިޔަލަށް ފަންޑު ފޮއްޓަށް ލިބޭ އެހީ، އަންނަ މަހުގެ 6 ދުވަހުގެ ނިޔަލަށް ގެއްލުން ލިބުނު އާއިލާތަކަށް އަމާނާތްތެރިކަމާއެކު ހަވާލުކުރެވޭނެ ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.