Last Updated: June 23, 14:00
Tuesday, June 23, 2026
ދުނިޔެ

ބޮމުގެ ހަމަލާއެއްގައި އިރާގުން 27 މީހަކު މަރާލައިފި

ރަމަޟާން މަހުގެ 4 ވަނަ ދުވަހުގެ ރޯދަ ހިފަމުންދަނިކޮށް އިރާގަށް ދިން ދެ ބޮމުގެ ހަމަލާއެއްގައި 27 މީހަކު މަރާލައި 100 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ.

ފުރަތަމަ ހަމަލާ ރޭގެ ވަގުތެއްގައި ބަޣްދާދުގެ އައިސްކްރީމް ޕާލާއަކަށް ދީފައިވާއިރު މިހަމަލާގައި ވަނީ 16 މީހަކު މަރުވެފައެވެ. 75 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު ކުޑަކުދިންވެސް ހިމެނޭކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. މިހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ ނަގާފައެވެ.

މިއަދުދިން ކާރު ބޮމުގެ ހަމަލާގައި 11 މީހަކު މަރުވެފައިވާއިރު 30 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މިބޮން ގޮއްވާލާފައިވަނީ އިރާގުގެ ޕެންޝަން އޮފީސް ކައިރީގައެވެ. މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.

ނަމަވެސް ރިޕޯޓުތައް ބުނާގޮތުގައި ދެހަމަލާއަކީވެސް އައިއެސް އިން ރޭވި ދެހަމަލާއެވެ. އިރާގުގައި މިދިޔަ އަހަރުވެސް ބޮމުގެ ހަމަލާތަކުގައި 3،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.