އާސެނަލްގެ މެނޭޖަރު، އާސެން ވެންގާ 2 އަހަރު ދުވަހަށް ކުލަބުގައި މަޑުކުރުމަށް ނިންމައި، ކޮންޓްރެކްޓު އާކޮށްފިއެވެ.
ވެންގާ ވަނީ އިއްޔެ ކުލަބުގެ އޯނަރު، ސްޓޭން ކްރޮންކޭއާއި ބައްދަލުކޮށްފައެވެ. އަދި މިއަދު ބޭއްވުނު ބޯޑު ބައްދަލުވުމުގައި ވެންގާގެ ކޮންޓްރެކްޓު އާކުރުމަށް ބޯޑުން ނިންމާފައިވާ ކަމަށް ބީބީސީ އިން ރިޕޯޓުކޮށްފައިވެއެވެ.
ވެންގާގެ މިނިންމުމާއި ގުޅިގެން ކުލަބުން ރަސްމީ ބަޔާނެއް މާދަމާ ނެރުމަށް ވަނީ ހަމަޖެހިފައެވެ. އާސެން ވެންގާގެ 21 އަހަރުގެ ދިގު ތާރީޚުގައި ފުރަތަމަ ފަހަރަށް މިސީޒަނުގައި ކުލަބު ވަނީ ގަދަ 4 އިން ޖާގައެއް ނުލިބި ޔޫރޮޕާ ލީގުގައި ކުޅެން ޖެހިފައެވެ.
ނަމަވެސް ވެންގާ ވަނީ ސީޒަނުގެ ފަހު މެޗުގައި ޗެލްސީ އާއި ދެކޮޅަށް އެފްއޭ ކަޕުގެ ފައިނަލުގައި ނިކުމެ ޗެލްސީ ބަލިކޮށް ރެކޯޑު 13 ވަނަ ފަހަރަށް އެފްއޭ ކަޕު ކާމިޔާބުކޮށްފައެވެ.
މިސީޒަނުގައި އާސެނަލްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ވެންގާ ބޭރުކުރުމަށް އަޑުއުފުލާފައެވެ. ތަފާތު ޕޯސްޓަރުތައް ދަނޑަށް ވައްދާފައިވާއިރު އެކި ފަހަރު މަތިން ދަނޑު މަތިން، މަތިންދާބޯޓެއްގައި ވެންގާ ބޭރުކުރުމަށް ބުނެ ބެނާވެސް އުދުއްސާލާފައިވެއެވެ.
އެފްއޭ ކަޕު ކާމިޔާބުކުރުމުން ބައެއް ސަޕޯޓަރުން އަނެއްކާވެސް ވެންގާއާ އެއްކޮޅަށް ޖެހިލާފައިވިނަމަވެސް އަދިވެސް ގިނަ މީހުން ބޭނުންވަނީ ވެންގާ ބޭރުކުރުމަށެެވެ.