އަވަށްޓެރި ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެގައުމުގައި ހާލުގައި ޖެހިފައިތިބި ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ނަމުގައި ދިވެހި ސަރުކާރުން ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ލަންކާއަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މިނިސްޓަރު ލަންކާއަށް ވަޑައިގެންފައިވަނީ ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުގައެވެ. ނަމަވެސް ދިވެހި ސަރުކާރުން ލަންކާއަށް އެހީތެރިކަމުގެ ގޮތުގައި ދެނީ ކިހާ ފައިސާއެއް ކަމެއް ހާމަކޮށްފައެއްނުވެއެވެ.
ބައި މިލިއަނަށްވުރެ ގިނަ ބަޔަކު ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާއިރު މިހާތަނަށް ލަންކާގައި 177 މީހަކު މަރުވެފައިވާ ކަމަށް ވަނީ ރެކޯޑު ކުރެވިފައެވެ.
ބޯކޮށް ވާރޭވެހި ފެންބޮޑުވެ ދަނޑުބިންތައް ހަލާކުވެފައިވާއިރު މިއީ ވޭތުވެދިޔަ 14 އަހަރުތެރޭގައި ލަންކާއަށް ކުރާ އެންމެ ވަރުގަދަ ވިއްސާރައެވެ. ލަންކާގެ އިތުރުން އުތުރު އިންޑިޔާ، ބަންގްލަދޭޝް އަދި މިޔަންމާރަށްވެސް ވިއްސާރާގައި ވަނީ އަސަރުކޮށްފައެވެ.