Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ސުޕްރީމް ކޯޓް ބެންޗް ކުޑަކުރި މައްސަލަ ބާޠިލް ކުރަން އެދިއްޖެ

ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި 7 ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކި ކުރި މައްސަލަ ބާޠިލް ކުރުމަށް ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ އިންތިގާލީ މަރުހަލާގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސެއިން އާއި ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި ބަދަލު ބާތިލް ކުރުމަށާއި، އެ ބަދަލާއި ގުޅިގެން ޖުޑީޝަލް ސާރވިސް ކޮމިޝަނުން އޭރު ނިންމި ނިންމުން ބާތިލް ކުރުމަށް މިއަދު ކޯޓަށް މައްސަލަ ހުށަހެޅުއްވީ މަޝްހޫރު ގާނޫނީ ވަކީލް ޝާހީން ހަމީދު އާއި މައުމޫން ހަމީދުގެ އިތުރުން ވަކީލް މަފާޒު ޝަރީފްއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތްކަމެއް ސާފެއް ނުވެއެވެ.

ސުޕްރީމް ކޯޓުން ދާދި ފަހުން ވަނީ ވަޒީރުންނާއި، ރައީސުލް ޖުމްހުރިއްޔާ އަދި ރައީސުލް ޖުމްހުރިއްޔާގެ ނައިބްގެ އިތުރުން އެއްވެސް ފަނޑިޔާރަކު ވަކި ކުރުމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ އެ ކޯޓުންކަމަށް ނިންމާފައެވެ.