Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ލޯންޗް ހާދިސާގައި އަނިޔާވި މީދޫ ޒުވާނަކު ސީރިއަސް ހާލަތުގައި

އެކްސިޑެންޓްގައި އަނިޔާވި މީހަކު މާލެ ގެނެސް އެނބިއުލެންސަށް އަރުވަނީ - ވަގުތު އިމޭޖެސް:

ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރި ލޯންޗެއް ރީތިރަށް ކައިރީ އަޅާފައި އޮތް ސަޕްލައި ދޯންޏެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސ. މީދޫ ޒުވާނަކަށް ސީރިއަސް އަނިޔާ ލިބިގެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީ ޔޫގައި ފަރުވާ ދެމުން އެބަދެ އެވެ.

ރޭގެ ހާދިސާގައި އެންމެ ސީރިއަސް އަނިޔާލިބި ފަރުވާ ދެމުން ދަނީ މީދޫ، ހަނދުވަރުމަތީގެ އަލީ ވަސީމްއަށެވެ. މިހާދިސާގައި އަލީ ވަސީމްގެ ބޮލަށް ސީރިއަސް އަނިޔާ ލިބިފައިވާ ކަމަށް އޭޑީކޭއިން ބުންޏެވެ. އަދި އޭނާގެ ބޮލުގެ އޮޕަރޭޝަނެއްވަނީ ކޮށްފައެވެ. މި އޮޕަރޭޝަންގެ ތަފްސީލެއް އަދި އޭޑީކޭއިން ހާމަކޮށްފައި ނުވެއެވެ.

މި އެކްސިޑެންޓްގައި 2 ބިދޭސީއަކަށާއި 12 ދިވެއްސަކަށް ވަނީ އަނިޔާލިބިފައެވެ. އޭގެ ތެރެއިން ތިން މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު އެންމެ ސީރިއަސް ހާލަތުގައި އޮތީ އަލީ ވަސީމްކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓް ހިނުމާއި ގުޅިގެން އަނިޔާވި މީހުން މާލެ ގެނެސްފައިވަނީ ރީތި ރަށުގެ ލޯންޗުތަކުގައެވެ. ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަށް މާލެ ގެނައި ވަގުތު ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރުވަނީ އެސަރަހައްދަށް ވަޑައިގެން އަނިޔާވި ބޭފުޅުންގެ ހާލު ބައްލަވާފައެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވަމުން އަންނަނީ ގާނޫނާއި ހެދިފައިވާ ގަވާއިދު ތަކާއި ހިލާފުވަމުން އަންނާތީ ކަމަށެވެ. އަދި އެކަންކަމަށް ފަރުވާތެރިވެ ސަމާލުކަން ދިނުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.