ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ޕާސްޕޯޓު ހިފަހައްޓާފައިވާތީ ޓްރެވެލް ޑޮކިއުމެންޓެއް ދިނުމަށްފަހު ރާއްޖެއިން ބޭރަށް ފުރޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ނޫސްބަޔާނެއް ނެރެފިއެވެ.
ބަޔާނުގައި ފާރިސް ވިދާޅުވެފައިވަނީ ފުރޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދުމުން އެފަރާތުން އެއެދުން ފުއްދައިދެވެން ނެތް ކަމަށްބުނެ ނޫސްބަޔާނެއް އާންމުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު ކޮންމެހެންވެސް ރާއްޖެއިން ބޭރަށް ދަތުރުކުރަން ޖެހޭތީ ޓްރެވެލް ޑޮކިއުމެންޓެއް ނެރެދިނުމަށްފަހު ފުރޭނެ ގޮތް ހަދައި ދިނުމަށް ފާރިސް ވަނީ އެދިފައެވެ.
ރާއްޖެއިން ބޭރަށް މިވަގުތު ފުރަން ބޭނުންވަނީ ބޮޑުދައިތަގެ ބަލިހާލު ހުރިގޮތުން ބޮޑުދައިތަ ދެކިލަން ދިއުމަކީ މުހިއްމު ކަމެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށް މިބަޔާނުގައި ފާރިސް ވިދާޅުވެފައިވެއެވެ. ތަހުގީގަށް ފިލުމަކީ ރާވާފައި އޮތް ކަމެއް ނޫން ކަމަށާއި ފުލުހުންގެ އޮފިސަރަކު ފާރިސްއާއި އެކު ދަތުރުގައި ބައިވެރިވެ ފޮނުވާދިނުމަށްވެސް މިބަޔާނުގައި އެދިފައިވެއެވެ. އަދި ފާރިސްއާއެކު ދަތުރުކުރާ ފުލުސް މީހާގެ ދަތުރުގެ އެންމެހާ ޚަރަދެއްވެސް ފާރިސްގެ އަމިއްލަ ޚަރަދުގައި ދެއްވާނެ ކަމަށާއި މިއީ ތަހުގީގަށް ފިލަން އުޅޭ މީހެއްގެ އަމަލު ހުންނާނެ ގޮތް ނޫން ކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ތަހުގީގަށް ހުރަސް އެޅުމަށް ފާރިސްގެ އާއިލާއިން މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓްރީއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ބުނުމަކީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކައެއް ކަމަށާއި ޖިނާއީ ތުހުމަތެއް ކުރެވިފައިވާ މީހަކު ފުލުސް އިދާރާއަށް ހާޒިރު ކުރުމަކީ އާއިލާގެ ޒިންމާއެއް ކަމަށް ނުބެލެވޭނެ ކަމަށް ފާރިސް ވިދާޅުވެފައިވެއެވެ.
އަދި ފާރިސްގެ މައްޗަށް ކުރެވޭ ތުހުމަތަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފުރިހަމައަށް އެއްބާރުލުން ދެމުން އައިސްފައިވާ ކަމަށާއި އެމައްސަލަ ވީހާވެސް އަވަހަށް ގާނޫނީ އިޖްރާއަތުތަކުގެ ތެރެއިން ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައިވެއެވެ. ރާއްޖެއިން ބޭރަށް ދިއުމުގެ މުހިއްމުކަން ފެންނަން އޮވެމެ، އިހުސާންތެރިވެ އެކަން ކޮށް ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައިވެއެވެ. އަދި ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް ކަނޑައަޅާ ދުވަހަކަށް އެނބުރި ރާއްޖެ އަންނާނެ ކަމުގެ ޔަގީންކަންވެސް މިބަޔާނުގައި ފާރިސް ވަނީ ފުލުހުންނަށް އަރުވާފައެވެ.