ބޮލީވުޑްގެ އެކްޓަރު އަނިލް ކަޕޫރު މުހިއްމު ރޯލަކުން ފެނިގެން ދިޔަ އެމެރިކާގެ މަޝްހޫރު ޓީވީ ޝޯ "24" ގެ އިންޑިއާ ވާޝަންގެ ޝޫޓިން މާދަމާ ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
މި ސިލްސިލާ ޑައިިރެކްޓް ކުރަނީ "ދިއްލީ ބެލީ" ގެ ޑައިރެކްޓަރު އަބިނޭ ޑިއޯ އެވެ. ސިލްސިލާގެ މަސައްކަތް ފެށުމާ ބެހޭ ގޮތުން އަބިނޭ ބުނީ 25 ވާ ހޯމަ ދުވަހު "24" ގެ ޝޫޓިން ފަށާނެ ކަމަށެވެ. އަދި އެކަމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވެ ނިމިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"މާދަމާ އަހަރެމެން ޝޫޓިން ފަށާނަން. މިއީ ވަރަށް ބޮޑު މަސައްކަތެއް. ޓީމްގައި 80 އާ ގާތް ކުރާ އަދަދަކަށް މީހުން ހަރަކާތްތެރިވަމުން ދާނެ. މި ބަލަނީ ހަ މަސް ދުވަހުގެ ތެރޭގައި ޝޫޓިން އެއްކޮށް ނިންމައި ޖުލައި ނުވަތަ އޮގަސްޓް ހިސާބުގައި މި ސިލްސިލާ އޮންއެއާ ކުރަން،" އަބިނޭ ބުންޏެވެ.
އޭނާ ބުނީ "24" ގެ އިންޑިއަން ވާޝަން އެމެރިކަން ވާޝަން އާ ބޮޑެތި ތަފާތުތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން ކެރެކްޓާތައް އިންޑިއާގެ ވައްޓަފާޅި މާހައުލަށް ވަރަށް ބޮޑަށް ބަދަލުކޮށްފައި ވާނެ ކަމަށް އޭނާ ބުންޏެވެ. އަދި އެމެރިކާ ވާޝަން އިން ނުފެންނަ ފަދަ ވަރުގަދަ ކެރެކްޓާތަކެއް "24" ގެ އިންޑިއަން ވާޝަން އިން ފެނިގެން ދާނެ ކަމުގެ ޔަގީންކަން ވެސް އަބިނޭ ވަނީ ދީފަ އެވެ. އެގޮތުން މި ސިލްސިލާގައި މައިގަނޑު ގޮތެއްގައި ފެނިގެން ދާނީ މުޅިން އާ މޫނުތަކެެކެވެ.
"24" ގެ އިންޑިއަން ވާޝަން ޕްރޮޑިއުސް ކުރަނީ އެމެރިކަން ވާޝަންގެ އަށް ވަނަ ސީޒަނުގައި އޮމަރު ހަސަންގެ ކެރެކްޓާ އިން ފެނިގެން ދިޔަ އަނިލް އެވެ. އޭނާ މި ސިލްސިލާގެ އިންޑިއާގެ ވާޝަން ހަދަނީ އޭގެ ރައިޓްސް ގަނެގެންނެވެ.
"24" އަކީ 2001-2010 އާ ހަމައަށް ޖުމްލަ 192 އެޕިސޯޑާ އެކު ދެއްކި ވަރަށް ކާމިޔާބް ޓީވީ ސިލްސިލާއެކެވެ.