ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އުރީދޫއިން ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ހަދައި ހިއްސާ ގަތުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލި މުއްދަތު ހޯމަ ދުވަހުގެ ރެއަށް ހަމަވެފައިވާއިރު ވަރަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާ ކަމަށް އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވެއްޖެއެވެ.
މިދިޔަ އެޕްރީލް މަހުގެ 30 އިން މޭ 29 އާއި ހަމައަށް ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އުރީދޫ އިން ބުނެފައިވަނީ މިއީ ރާއްޖޭގައި މިހާތަނަށް ކުރިޔަށް ގެންދިޔަ އެންމެ ބޮޑު އައިޕީއޯ އެވެ.
ނަޖީބް ޚާން ވިދާޅުވެފައިވަނީ މިފަދަ ތަރުހީބެއް ރާއްޖެއިން ލިބުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި ޑިޖިޓަލް ޚިދުމަތް މެދުވެރިކޮށް ދިވެހިން ބާރުވެރި ކުރުމަށް އެކުންފުނިން ކުރާ މަސައްކަތަށް ދެއްވި އެއްބާރުލުމަށްޓަކައި ހިއްސާ ބައްލަވައިގެންނެވި އެންމެހާ ފަރާތްތަކަށް މަރުހަބާއާއި ޝުކުރު އަދާކުރާ ކަމަށް ޚާން ވިދާޅުވެފައިވެއެވެ.
އުރީދޫ މޯލްޑިވްސްގެ އިނީޝިއަލް ޕަބްލިކް އޮފަރިންގ(އައިޕީއޯ)ގެ ދަށުން ވިއްކަން ހުށައެޅީ ކުންފުނީގެ %15 ހިއްސާއެވެ. އެއީ 22،170،0600 ހިއްސާއެވެ. ހިއްސާތައް އެލޮކޭޓު ކުރުމުގެ މަސައްކަތް އަންނަ ޖޫން މަހުގެ 15 ގެ ކުރިން ނިމޭނެ ކަމަށް އުރީދޫ އިން ބުނެފައިވެއެވެ. އަދި ހިއްސާގެ ބާޒާރުގައި ހިއްސާ ގަނެ ވިއްކުން އޮގަސްޓް 7 ގެ ފަހުން ކުރިއަށް ދާނެއެވެ.