Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އެމްއެމްޕީއާރްސީ ތަހުގީގު އޮތީ ނިމިފައި: އޭސީސީ

ރާއްޖޭގައި މިހާތަނަށް ފެންމަތިވި އެންމެ ބޮޑު ކަރަޕްޝަން މައްސަލަ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، (އެމް.އެމް.ޕީ.އާރު.ސީ)ގެ ޚިޔާނާތުގެ ތަހުޤީޤު ނިމިފައިވާ ކަމަށް އެމައްސަލަ ތަހްގީގު ކުރަމުން އަންނަ އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)ން ބުނެފިއެވެ.

އޭސީސީގެ ރައީސް އިބްރާހިމް ލުޠުފީ ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ އެމައްސަލައިގެ ތަހްގީގު ނިމިފައި މައްސަލަ މިމަހުގެ 30 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ލުޠުފީ ވިދާޅުވީ މައްސަލައިގެ ތަހްގީގު ނިމިފައިވާތީ އެމައްސަލައިގައި ދެން އޭސީސީގެ އެއްވެސް ދައުރެއް ނޯންނާނެކަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ވަންނަން ޖެހޭ 1.2 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި މައްސަލަ އާއި ގުޅޭ ގޮތުން ލުޠުފީ ވިދާޅުވީ މިއީ ކަމިޝަނުން މިހާތަަނަށް ތަހްގީގު ކުރި އެންމެ ބޮޑު މައްސަލަ ކަމަށެވެ. އަދި މައްސަލަ ތަހްގީގުކޮށް ނިންމައި ޕީޖީއަށް ފޮނުވަން ގިނަ ދުވަސްތަކެއް ނެގީ ވެސް މައްސަލައިގެ ބޮޑު ކަމުންކަމަށް ލުޠުފީ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ދިގު މުއްދަތަކަށް ޖަލަށް ހުކުމް ކޮށްފައިވާ އިރު މި މައްސަލައިގެ ތަހްގީގަށް އިތުރު ބަޔަކު ހޯދުމަށް އިންޓަޕޯލް މެދުވެރިކޮށް ފުލުހުން ވަނީ އެދިފައެވެ.

އެމްއެމްޕީއާރްސީގެ ތަހްގީގު ދިގުލައިގެން ދިއުމާއި ގުޅިގެން އޭސީސީއަށް ބޮޑެތި ފާޑު ކިއުންތައް ވަނީ އަމާޒުވެފައެވެ.