ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަ ދީފިނަމަ އެނބުރި އަންނާނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށް ހޯމް މިނިސްޓްރީން ބުނުމުން ނުފިލާނެ ކަމުގެ ޔަގީންކަން ފާރިސް އަރުވައިފިއެވެ.
ފާރިސް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭރަށް ފުރުމަށް އެދިފައިވަނީ ބޮޑުދައިތަގެ ބަލިހާލު ހުރިގޮތުން މިވަގުތު ބޮޑުދައިތަ ދެކިލުމަށް ދިއުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭތީ ކަމަށެވެ.
ފުލުހުންގެ ތަހުގީގަށް ހުރަސް އެޅުމަށް އެއް އިރެއްގައިވެސް މަސައްކަތް ކޮށްފައިނުވާނެ ކަމަށާއި ނުފިލޭނެ ގޮތަށް އަރިހުގައި ފުލުހަކު ގެންދިއުމަށް ފެނޭ ކަމަށްވާނަމަ ފުލުސް މީހާގެ ދަތުރު ޚަރަދުގެ ޒިންމާވެސް ނަގާނެ ކަމަށްބުނެ ފާރިސް ވަނީ ޔަގީންކަން އަރުވާފައެވެ.
އަދި ބޭރަށް ދިއުމަށްފަހު ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގާ ދުވަހަކަށް އެނބުރި އަންނާނެ ކަމަށް ފާރިސް ވިދާޅުވިއެވެ. މިވަގުތު ރާއްޖެއިން ބޭރަށް ދިއުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭތީ ޓްރެވެލް ޑޮކިއުމެންޓެއް ދެއްވާފައިނަމަވެސް ފޮނުވައި ދިނުމަށް ފާރިސް ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.