ރާއްޖޭގެ ރައީސްކަން 30 އަހަރު ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިންގަޕޫރުގެ ޓެކްސީއަކަށް އަރާވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކު ގިނަ ބައެއްގެ ފާޑު ކިއުން ސަރުކާރަށް އަމާޒުވެއްޖެ އެވެ.
އެ ފޮޓޯއަށް ގިނަ ބަޔަކު ފަޑު ކިޔަމުން އަންނަ އިރު ގިނަ ބަޔަކު ފާހަގަކޮށްފައި ވަނީ ރާއްޖޭގެ ރައީސްކަން ގިނަ ދުވަސްތަކެއް ކުރެއްވި ބޭފުޅަކަށް މިއަށްވުރެ ރަނގަޅު އުސޫލުތަކާއި އިމްތިޔާޒުތައް ހަމަޖެހިފައި ހުންނަން ޖެހޭނެ ކަމަށެވެ.
ރައީސް މައުމޫން މިދުވަސްކޮޅު ހުންނެވީ ސިންގަޕޫރުގައެވެ.
ހަބަރު ލިބޭ ގޮތުގައި އެމަނިކުފާން އާއި އަނބިކަބަލުން ނަސްރީނާ އިބްރާހިމްގެ އިތުރުން އައިލާގެ ބައެއް މެމްބަރުން މިވަގުތު ސިންގަޕޫރަށް ވަޑައިގެން އުޅުއްވަނީ ނަސްރީނާގެ އެއްބަޑު އެއްބަފާ ބޭފުޅެއް ކަމަށްވާ ފަރީޝާ އިބްރާހިމް ކެންސަރު ބަލީގެ ފަރުވާ ހޯއްދަވަމުން ގެންދަވާއިރު އެކަމަނާގެ ހާލުކޮޅު ސީރިއަސް ވުމާއި ގުޅިގެންނެވެ.
ރައީސް މައުމޫން ޓެކްސީއަށް އަރާވަޑައިގަންނަވާ ފޮޓޯ ސޯޝަލް މީޑިއާ އާއި ހިއްސާ ކުރައްވަމުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ގާނޫނުން ޔަގީންކޮށްދޭ އިމްތިޔާޒުތައް ހޯދާ ދިނުމަކީ ދައުލަތުގެ މައްޗަށް ވާޖިބެއްކަ މަށެވެ.
ރައީސް މައުމޫން ސިންގަޕޫރުގައި ޓެކްސީއެއްގައި ވަޑައިގަންނަވާ އިރު ދިވެހި ދައުލަތުން އެތައް މިލިއަން ހަރަދު ކުރައްވައިގެން ހަދާފައި ހުންނަ އެމްބަސީން އެމަނިކުފާނަށް ކާރެއް ހަމަޖެއްސެން ޖެހޭނެ ކަމަށާއި، ސެކިއުރިޓީ ނެތި އާއިލާ އާއިއެކު ޓެކްސީއެއްގައި މިގޮތަށް އުޅުއްވާތަން ފެނުމަކީ ރައީސް ޔާމީން ރާއްޖޭގެ ގައުމިއްޔަތުގެ ވީރާނާ ކޮށްލާފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ނިޒާރުގެ އެޕޯސްޓަށް ގިނަ ބައެއްގެ ޝުއޫރު ފާޅުކޮށްފައިވާ އިރު ބައެއް ފަރާތްތަކުން ބުނެފަިއވަނީ ކުރީގެ ރައީސުންނަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަމަކީ ވަކި ފިކުރަކަށް ބަލއިގެން ދޭން ޖެހޭ އެއްޗެއް ނޫންކަމަށެވެ.
ރައީސް މައުމޫން މާޗް މަހުގެ 8 ވަނަ ދުވަހު ރާއްޖޭން ފުރާވަޑައިގަތުމަށް ސެކިއުރިޓީ އަށް އެދިވަޑައިގަތުމުން އެމްއެންޑީއެފުން ވަނީ އެކަން ހަމަޖައްސައިނުދިީފައެވެ.
އެހެންވެ އެމަނިކުފާން ރާއްޖޭން ފުރާވަޑައިގެންނެވީ ސެކިއުރިޓީ އާއި ނުލައައެވެ. އެދަތުރުގައި އެމަނިކުފާން އިންޑީއާ ވަޑައިގެން ރާއްޖެ ވަޑައި ނުގެން ވަނީ ސިންގަޕޫރަށް ވަޑައިގެންފައެވެ.
މައުމޫން އާއިއެކު ދަރިކަލުން ޢައްސާން މައުމޫން އާއި ދުންޔާ މައުމޫން ސިންގަޕޫރުގައި ތިއްބެވި އިރު ބޮޑު ދައިތަގެ ހާލު ބެއްލެވުމަށް ދިއްގަރު ދާއިރާގެ މެމްބަރ ފާރިސް މައުމޫންއަށް ސިންގަޕޫރަށް ވަޑައިގަތުމުގެ ހުއްދަ އަދިވެސް ހަމަނުޖެހެއެވެ.