Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ނަމާދަށް ހުއްޓައި ފޯން ރިންގްވެއްޖެ ނަމަ ހަދާނީ ކިހިނެއް؟

ދިރިއުޅުމުގެ ކަންކަމުގައި ތެޅިފޮޅެން ޖެހުމުގެ ސަބަބުން ބައެއް ފަހަރަށް މިސްކިތަށް އަރާއިރު ޖީބުގައި އޮންނަ މޮބައިލް ފޯނު ނިއްވާލުމަށް ނުވަތަ ސައިލެންޓް މޯޑަށް ލުމަށް ހަނދާންނެތޭ ފަހަރު އާދެއެވެ.

މިގޮތަށް ހަނދާން ނެތިގެން ފޯނު ނިއްވާނުލާ ނަމާދަށް އަރައި ހުއްޓާ މީހަކު ގުޅުމުން މުޅި މިސްކިތަށް އޭގެ އުނދަގޫ ފޯރައެވެ. މިފަދަ ހާލަތުގައި ކަންކުރާނީ ކިހިނެތް ހެއްޔެވެ؟

ޖީބުގައި އޮތް ފޯނު ނަގާފައި ނިއްވާލާނީ ހެއްޔެވެ؟ ނުވަތަ ފޯނަށް ސަމާލުކަން ނުދީ ނަމާދު ކުރިއަށް ގެންދާނީ ހެއްޔެވެ؟

މިއީ ނަމާދަށް ހުއްޓައި ފޯނު ރިންގުވާން ފެށުމުން ކަންތައް ކުރާނެ ގޮތާއި ބެހޭގޮތުން މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޢިޔާޟް އަބްދުއްލަތީފް، ރާއްޖެ އިސްލާމްގައި ދެއްވާފައިވާ ޖަަވާބެވެ.

ނަމާދުގައި ހުންނަ އިރު ޚުޝޫޢަތްތެރި ކަމާއި އެކު ހުރުމަށާއި، އެކަމުން ދުރުހެލި ކުރުވަފާނެ ކޮންމެ ކަމަކުން ސަލާމަތްވުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. މިގޮތުން އިސްލާމްދީނުގައި އަޅުއްވާފައިވާ ބައެއް ފިޔަވަޅުތައް ތިރީގައި މިވަނީއެވެ.

ފުރަތަމަ ފިޔަވަޅު

"މާތްﷲ ރުއްސުންލެއްވި އަނަސް ބިން މާލިކްގެ ކިބައިން ރިވާވެގެން ވެއެވެ.

"ގަދަ ހޫނުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ތިމަންމެން ނަމާދު ކުރަމެވެ. އަހަރުމެންގެ ތެރެއިން މީހަކު ބިންމަތީ ނިތް ޖައްސާލަން ނުކެރިއްޖެ ޙާލަތެއްގައި އެމީހެއްގެ ހެދުން ބިންމަތީ އަޅާ އޭގެ މަތީ ސަޖިދަކޮށް ހަދައެވެ." (މިއީ ބުޚާރީ އާއި މުސްލިމްގެ ރިވާޔަތެކެވެ.)

މި ޙަދީޘްގެ ޝަރަޙާގައި ޙާފިޡް އިބްނު ޙަޖަރު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "މިގޮތަށް ކަންތައް ކުރައްވާފައިވަނީ ހޫނުގަދަވުމުގެ ސަބަބުން ނަމާދުން ބޭރުގެ ޚިޔާލުތަކުން ދުރުހެލި ކުރުވުން ސަލާމަތްވުމަށެވެ."

ދެވަނަ ފިޔަވަޅު

މާތްﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން ރިވާވެގެންވެއެވެ. "ދިދަތަކެއް ޖަހާފައި ހުރި ފޮތިގަނޑެއްގެ މަތީގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދު ކުރެއްވިއެވެ. ނަމާދުން އަވަދިވެ ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. މިގޮތިގަނޑު ގެންގޮސް އަބޫޖަހުމް އަށް ދޭށެވެ. އަދި އަބޫޖަހުމްގެ އަތުން އެހެން ފޮތިގަނޑެއް ގެންނާށެވެ. މިދިދަ ޖަހާފައި ހުރުމުގެ ސަބަބުން ނަމާދުގެ ޚުޝޫޢަތްތެރިކަން ގެއްލިއްޖެއެވެ. ހިޝާމް ބިން ޢުރްވާ އެކަލޭގެފާނުގެ ބައްޕާފުޅުގެ ފަރާތުން، އަދި އެކަލޭގެފާނުގެ ބައްޕާފުޅު ޢާއިޝާ- ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާ ކުރައްވާފައިވެއެވެ. "ތިމަން ކަމަނާ ނަމާދަށް ހުރި އިރު އެދިދަތަކަށް ބަލާ ނަމާދުން ޣާފިލުވެދާނެތީ ވަރަށް ބިރުގަތެވެ." މިއީ ބުޚާރީ އާއި މުސްލިމްގެ ރިވާޔަތެކެވެ.

ތިންވަނަ ފިޔަވަޅު

މާތްﷲ ރުއްސުންލެއްވި އަބޫސަޢީދުގެ ކިބައިން ރިވާވެގެންވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތުގައި އިޢްތިކާފަށް އިންނަވަނިކޮށް ބަޔަކު މީހުން އަޑުހަރުކޮށް ގުރްއާން ކިޔަވާ އަޑު އިވިވަޑައިގަތެވެ. އެހިނދު އެބައިމީހުންނާ މުޚާޠަބު ކުރައްވާ ޙަދީޘް ކުރެއްވިއެވެ. "ދަންނާށެވެ. ތިޔަބައިމީހުން ކުރެ ކޮންމެ މީހަކުވެސް މުނާޖާ ދަންނަވަނީ ﷲ އަށެވެ. ފަހެ، ތިޔަބައިމީހުން އެކަކު އަނެކަކަށް އުނދަގޫ ނުކުރާ ހުށިކަމެވެ. އަދި އެކަކު އަނެކަކަށްވުރެ ބާރަށް ކިޔަވަން ނޫޅޭށެވެ. ނުވަތަ ނަމާދުގައި އެކަކު އަނެކަކަށްވުރެ ބާރަށް ކިޔަވާ ނުހަދާށެވެ." މިއީ އަބޫދާވޫދުގެ ރިވާޔަތެކެވެ.

އެހެންކަމުން، ނަމާދުގެ ޚުޝޫޢަތްތެރި ކަމަށް އަޘަރު ފޯރުވަފާނެ ކޮންމެ ކަމަކުން ދުރުހެލިވެ ސަލާމަތްވާން ޖެހެއެވެ. އެގޮތުން ނަމާދަށް އެރުމުގެ ކުރިން މޯބައިލްފޯނު ރިންގް އޮފް ކޮށްލުން މުހިންމެވެ.

ހަނދާންނެތިގެން ރިންގް އޮފް ނުކޮށް އޮއްވާ ރިންގްވާން ފަށައިފިނަމަ، ނަމާދަށް ހުރެފައިވެސް އޮފް ކޮށްލުން ހުއްދަ ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ އެންމެންގެ މަޞްލަޙަތަށްޓަކައެވެ. އަދި ރިންގްވުމުގެ ސަބަބުން ނަމާދުގެ ޚުޝޫޢަތްތެރިކަން ގެއްލިދާނެކަމަށްޓަކައެވެ.