Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

"ފާރިސް ބޮޑުދައިތަ އަރިހަށް ދިޔަނުދީ ހިފެހެއްޓުމަކީ ރަހުމު ކުޑަ އަމަލެއް"

ކުރީގެ ފަސްޓްލޭޑީ ނަސްރީނާ އިބްރާހިމްގެ ކޮއްކޯފުޅު އަދި ދިއްދަރު ދާއިރާގެ މެމްބަރު ފާރިސްގެ ބޮޑުދައިތާފުޅު ފަރީޝާ އިބްރާހިމް ރޭ އަވަހާރަވިއިރު ބޮޑުދައިތަ އާއި ބައްދަލު ކުރުމަށް ފާރިސްއަށް ހުއްދަ ނުދިނުމަކީ ރަހުމް ކުޑަ އަމަލެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ ސިންގަޕޫރުގައި ފަރީޝާ އަވަހާރަވެފައިވާތީ، އާއިލާއަށް ތައުޒިޔާ ކިޔަމުން މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިޝް ބޮޑުދައިތަ އަރިހަށް ވަޑައިގަތުމަށް ހުއްދަނުދީ ހިފެހެއްޓުމަކީ ރަހުމުކުޑަ އަމަލެއް ކަމުގައެވެ.

ނަޝީދުގެ އިތުރުން އެމްޑީޕީންވެސް ރޭ ވަނީ ފާރިސް ބޮޑުދައިތަ އާއި ބައްދަލުކުރުމުގެ ފުރުސަތު ސަރުކާރުން ގަސްތުގައި ނަގާލީކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ މިފަދަ އަނިޔާވެރި ނާތަހުޒީބު ޢަމަލުތަކުން ދައްކުވައިދެނީ މިއަދު ދިވެހި ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުންގެ ކިބައިގައި އޯގާތެރިކަމާއި، އިޙްސާންތެރިކަމާއި ހަމްދަރުދީވުން ފަދަ އިސްލާމްދީނުގެ މަތިވެރި ސިފަތައް ނެތް ކަމެވެ. އަދި ވެރިކަމާއި ސިޔާސީ ވާދަވެރިކަން އަނިޔާވެރިކަމަށް ބަދަލުވެ، ނަފްރަތާއި ރުޅިވެރިކަން އިސްކުރާ ނާތަހުޒީބު ބައެއްކަމެވެ.

ފާރިސް ބޮޑިދައިތަގެ ހާލު ބެއްލެވުމަށް ސިންގަޕޫރަށް ވަޑައިގެންނެވުމުގެ ހުއްދައަށް އެދި ކްރިމިނަލް ކޯޓަށާއި، ފުލުހުންނަށް ސިޓީ ފޮނުއްވިއެވެ. ނަމަވެސް ފާރިސްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގެ ތަހްގީގު ނުނިމޭތީ ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ދެވެން ނެތްކަމަށް އިއްޔެ ފުލުހުން ވަނީ ފާރިސްއަށް ޖަވާބު ދެއްވާފައެވެ.

ފަރީޝާ އަވަހާރަވުމާއި ގުޅިގެން އާއިލާއަށް އެތައް ބަޔަކު ދަނީ ތައުޒިޔާ ކިޔަމުންނެވެ.