Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

ވަސީލަތް މަދުކަމުން ދެން ކުނި ނެގޭނީ ހަފުތާއަކު އެއް ދުވަހު: ވެމްކޯ

ވަސީލަތްތައް މަދުކަމުން ހަފުތާ އަކު ތިން ދުވަހުގެ ބަދަލުގައި ދެން ކުނި ނެގޭނީ އެއް ދުވަހު ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ގޭބިސީތަކަށް އަންގަން ފަށައިފި އެވެ.

ވެމްކޯއިން ގޭބިސީތަކަށް އަންގަމުން ދަނީ ވަސީލަތްތައް ގާއިމް ކުރެވެންދެން މި ވަގުތު ކުނި ނެގޭނީ ގެއަކުން ހަފުތާ އަކު އެއް ފަހަރު ކަމަށެވެ. ވެމްކޯ އައްޑޫގެ ގެތަކުން ކުނި ނަގަން ހަވާލުވީ ހަފުތާ އަކު 3 ދުވަހު 100ރ. އަށް ކުނި ނަގާށެވެ.

ނަމަވެސް ގިނަ ގޭގެއިން ކުނި ނުނެގުމުގެ ޝަކުވާ ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ.

ވެމްކޯއިން ކުނި ނަގަން ފެށި ފަހުން ގިނަ އަދަދެއްގެ ބަޔަކު ކުނި ނަގަން ރެޖިސްޓްރީ ކުރުމާއި ގުޅިގެން އެކުންފުނިން މީގެ ކުރިން ބުނީ ވެހިކަލް ލިބެންދެން ވަގުތީ ގޮތުން ޕިކަޕް ކުއްޔަށް ނަގައިގެންވެސް ހިދްމަތް ދޭނެކަމަށެވެ. ނަމަވެސް އަދި މިހާތަަނަށް އެކަން ހަމަ ނުޖެހެއެވެ.

މިވަގުތު ވެމްކޯ އިން އައްޑޫގެ ގުޅިފައިވާ ހަތަރު ރަށުގެ ކުނި ނަގަން ބޭނުން ކުރަނީ އެންމެ ދެ ވެހިކަލެވެ. އެހެންވެ އެކަށީގެންވާ ހިދްމަތެއް އެ ކުންފުންޏަށް ފޯރުކޮށް ނުދެވެ އެވެ.

މީގެ އިތުރުން ވެހިކަލް ދުއްވާ ޑްރައިވަރުންނަށް ބައެއް ގޭގޭ ނޭނގޭތީ ވެސް ކުނި ނަގަން ދަތިކަމަށް ވެމްކޯ އިން ވަނީ ބުނެފަ އެވެ.

ކުނި ނުނަގައިގެން ކޮންމެ ދުވަހަކު އެތައް ބަޔަކު އެޝަކުވާއިގެން ވެމްކޯ ހިތަދޫ އޮފީހަށް ދެއެވެ.

މީގެ އިތުރުން އެތަނުގެ ވެރިންނަށް ގުޅައި މި ޝަކުވާ ކުރަމުން އަންނަ އިރުވެސް އެކަމަށް އެކަށިގެންވާ ބަދަލެއް ނުފެންނަކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.

އައްޑޫ ސިޓީ ކައުންސިލުން އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްގެން މަހަކު 60 ރުފިޔާއަށް ބަރާބަރަށް ކުނި މީގެ ކުރިން ވަނީ ނަގާފައެވެ.

ނަަމަވެސް ދައުލަތުގެ ކުންފުންޏަށް މިކަން ހަރުދަނާ އުސޫލަކުން ނުކުރެވޭތީ އާއްމުންގެ ޝަކުވާ ގިނަ އެވެ.