ދ. ކުޑަހުވަދޫގައި އަލަށް ހެދި އެއާޕޯޓްގައި ފުރަތަމަ މަތިންދާ ބޯޓް ޖައްސައި ޝެޑިއުލް ދަތުރުތައް ފެށުމަށް މޯލްޑިވިއަން އިން ތައްޔާރުވާން ފަށައިފި އެވެ.
ޓެސްޓު ފުލައިޓު މިއަދު ކުޑަހުވަދޫ އެއާޕޯޓުގެ ރަންވޭގައި ޖައްސާލާފައިވާއިރު ބޯޓުން ދަތުރުކުރީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުއާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިންމަނިކުގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުންނެވެ.
ގިނަ ދުވަސްތަކެއް ވަންދެން ކުޑަހުވަދޫ ރައްޔިތުން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވުމާއެކު އެރަށުގެ ގިނަ ބަޔަކު ވަނީ ސަރުކާރުގެ ވަފުދަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ގޮސްފައެވެ.
ރާއްޖޭގައި މިހާތަނަށް އެޅުނު އެންމެ ބޮޑު ޑޮމެސްޓިކް އެއާޕޯޓަށް ކުޑަހުވަދޫ އެއާޕޯޓު ވެފައިވާއިރު މިއެއާޕޯޓުގައި އެއްފަހަރާ 42 ބޯޓު ޖެއްސުމުގެ ޖާގަ ވަނީ ހަދާފައެވެ. 1،800 މީޓަރުގެ ރަންވޭ އެއް ބިނާކުރި މިއެއާޕޯޓަކީ ދ އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.