Last Updated: June 11, 19:13
Thursday, June 11, 2026
ރިޕޯޓް

ކައުންސިލަރު ހިލްމީގެ ފަސް ބޭނުން!

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އައްޑު އަށް ކަނޑައަޅާފައިވާ ކޯޑިނޭޓަރު ޑރ. މުސްތަފާ ލުފުތީ. ފޮޓޯ/ ޖޭޑް

ރާއްޖޭގެ ވެރި ކަމަށް އަންނަން ފައި ނަގައިގެން ތިބި ފަރާތްތަކުގެ ކިބައިން އައްޑޫގެ ދަރިއެއްގެ ހައިސިއްޔަތުން ބޭނުން ވަނީ ފަސް ކަމެެއް ކަމަށް ސ. ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސައިން ހިލްމީ ވިދާޅުވެއްޖެ އެވެ.

އޭނާގެ ފޭސްބްކް ޕޭޖްގައި މިއަދު ބުނެފައި ވަނީ ބޭނުން ވަނީ ބޯހިޔާވަހި ކަމުގެ އިތުބާރާއި ސަލާން ނުޖަހައި ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމަކާއި ފަސޭހަ ޓްރާންސްޕޯޓް ނިޒާމަކާއި ފެންވަރު ރަނގަޅު ތައުލީމީ ނިޒާމަކާއި ވަޒީފާގެ ފުރުސަތު ކަމަށެވެ.

މިއީ ހަމައެކަނި ހިލްމީ ބޭނުންވާ ކަންތައްތަކެއް ނޫނެވެ. މިއީ ރައްޔިތުން ވެސް ބޭނުންވާ އަސާސީ ކަންކަމެެވެ. ރައްޔިތުން ވޯޓް ދީގެން ކައުންސިލެއް ހޮވާފައި އޮތީ މިކަންކަން ހާސިލްކޮށް ދިނުމަށް މަސައްކަތް ކުރުމުގެ ޒިންމާތަކާ އެކުގަ އެވެ.

އައްޑޫ ރައްޔިތެއްގެ ހައިސިއްޔަތުން ކައުންސިލަރު ހިލްމީ ބޭނުން ވަނީ މިކަންކަން ކަމަށްވާ އިރު، ހިލްމީ ހިމެނިވަޑައިގަންނަވާ އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ ކުރިއެރުމަށާއި ރައްޔިތުންގެ ތަރައްގީ އަށް މިފަދަ ކަންކަން ހާސިލް ކުރުމުގައި ނުކުޅެދިފައިވާ ކަމަށް އައްޑޫގެ ވަރަށް ގިނަ ބަޔަކު ބުނެ އެވެ.

އަދި ރައްޔިތުން ކައުންސިލް އިންތިހާބް ކުރި ހަގީގީ މަގުސަދް ހާސިލް ނުވެ، ކައުންސިލްގެ ދައުރު ހަމަވާން ކައިރިވަމުން އަންނަ އިރު، އައްޑޫ ސިޓީ ކައުންސިލްގެ ބޭނުމާ ދޭތެރޭ ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އެގޮތުން ބަލާ އިރު ކައުންސިލަރު ހިލްމީ ހަވާލުވެ ވަޑައިގެން ހުންނެވި ކައުންސިލްގެ މަސައްކަތްތަކަށް ބަލާ އިރު ޓްރާންސްޕޯޓް އެންޑް އިންފްރާސްޓްރަކްޗަ ދާއިރާގެ ކަންކަން ވަނީ ބޮއްސުންލައި، އެއްވެސް ކަމެއް ހާސިލް ކުރުމަށް އެކަށީގެންވާ ހަރުދަނާ މަަަސައްކަތްތަކެއް ނުކުރެވި އެވެ.

އޭގެ ތެެރޭގައި ދެކުނުގެ ދަތުރުފަތުރުގެ ނިޒާމު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލުކޮށްފައިވާ އެމްވީކޭގެ ހިދުމަތްތައް ބޮއްސުންލައި، މުވައްޒަފުންނަށް މުސާރަ ނުދެވި އެ ކުންފުންޏާ ދެކޮޅަށް ތަކުރާރުކޮށް މުވައްޒަފުން ހަޅުތާލު ކުރުން ފަދަ މައްސަަލަތައް ހިމެނެ އެވެ.

މީގެ އިތުރަށް ހިލްމީ ބޭނުންވާ ބޯހިޔާވަހިކަމުގެ އިތުބާރު ވެސް ރައްޔިތުންނަށް ލިބޭނެ ގޮތެއް ފަހިއެއް ނުވެ އެވެ. ނަޝީދުގެ ސަރުކާރުން އައްޑޫގައި ހަދަން ބުނި 700 ހައުސިން ޔުނިޓްގެ ތެރެއިން ފޭދޫގައި އިމާރާތް ކުރި 25 ހައުސިން ޔުނިޓް ފިޔަވައި އެންމެ ޔުނިޓެއް ވެސް މިހާތަނަށް ހެދިފައެއް ނުވެ އެވެ. އަނެއްކޮޅުން ފޭދޫގައި ހެދި ހައުސިން ޔުނިޓްތަކަށް ބަޔަކަށް ވަދެވޭނެ ގޮތެއް ނުވެގެން އުޅޭ އިރު، އެތަންތަނުން ވައްކަން ކުރުމާއި ތަނަށް ގެއްލުން ދިނުން ވަނީ ބޮޑު މައްސަލައަަކަށްވެފަ އެވެ.

އަމީން ކޮންސްޓްރަކްޝަންގެ ވެރިޔާ އަބްދުﷲ މުހައްމަދު އައްޑޫގައި އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވި 100 ގެ ކޮބައިތޯ އެވެ؟ ރައްޔިތުންނަށް ދޫކޮށްފައި ހުރި ބިންތައް ބަދަލު ދޭނެ ކަމަށް ބުނެފައި ނެގުމަށް ފަހު، ދޭން ބުނި ބިންތައް ކޮބައިތޯ އެވެ؟ ހަދަން ފެށި ހިތަދޫ ބަނދަރާއި ހުޅުމީދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ނުގޮސް ދިގުލައިގެން ދަނީ ކީއްވެތޯ އެވެ؟
އަންދައި އަޅިއަށް ހަދާލި އައްޑޫގެ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތަކާއި ފުލުހުންގެ މަރުކަޒުތަކަކީ އައްޑޫގެ އިންފްރާސްޓްރަކްޗާ އަށް މުހިއްމު ތަންތަނަށް ވެސް ނުވަނީ ތޯ އެވެ؟

މިއީ ހައްތަހާ ވެސް ރައްޔިތުން ޖަވާބު ބޭނުންވެފައި ތިބި ސުވާލުތަކެވެ. މިކަންކަމަށް ފުރަތަމަ އަށް ޖަވާބުދާރީވުމަކީ ރައްޔިތުންނަށް ވެވޭ އިހުލާސްތެރި ކަމަކަށް ނޫނީ ނުވާނެ އެވެ.

ހިލްމީ ހަވާލުވެ ވަޑައިގެން ހުންނެވި އިންފްރާސްޓްރަކްޗަ ޑިޕާޓްމަންޓުން މިފަދަ ކަންކަމަށް އަޅާލާ ތަނެއް ރައްޔިތުންނަކަށް ނުފެ އެވެ.

އެހެންވެ މަގާމުތަކާ ހަވާލުވެގެން، ބަރާބަރަށް މުސާރަ ނަންގަވައިގެން އައްޑޫ ސިޓީ ކައުުންސިލުންނާއި އެ ކައުންސިލްގައި ތިއްބެވި ކައުންސިލަރުން ކުރައްވަނީ ކޮން މަސައްކަތެއްތޯ ރައްޔިތުން މިއަދު ބަލަންވެއްޖެ އެވެ.