Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ނަޝީދުގެ ވެރިކަމުގައި 17 ރަށެއް ބިޑް ނުކޮށް ދިން: އޮޑިޓް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 17 ރަށަކާއި ފަޅެއް، ބިޑުކުރުމެއް ނެތި ދޫކުރުމަށް އޭރު ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ނޭޝަނަލް ޕްލޭނިން ކައުންސިލުން ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

ރައީސް ނަޝީދު އުފައްދަވައި ޚުދު އެމަނިކުފާނު ރިޔާސަތު ބެލެހެއްޓެވި ނޭޝަނަލް ޕްލޭނިން ކައުންސިލުން މިރަށްތަކާއި ފަޅުތައް ދޫކޮށްފައިވަނީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ކަމަށް އެނގިފައިވެއެވެ.

އޮޑިޓާ ޖެނެރަލްސް އޮފީހުން އެންޕީސީ އޮޑިޓް ކުރުމަށްފަހު އާންމު ކުރި ރިޕޯޓުގައި އެކައުންސިލަށް އެކި ފަރާތްތަކުން ރަށްތަކަށް 660 ޕްރޮޕޯސަލް ހުށައެޅުނު ކަމަށާއި އޭގެ ތެރެއިން 72 ޕްރޮޕޯސަލްގެ އިވެލުއޭޝަން މަސައްކަތް ނިންމައި 11 ޕްރޮޕޯސަލެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.

މީގެ އިތުރުން އޮޑިޓް ރިޕޯޓުގައި ވަނީ ސީއެސްއާރުގެ ދަށުން ފަތުރުވެރިކަމާއި ގުޅުންހުރި މަސައްކަތް ކުރުމަށް އެކިފަރާތްތަކާއި އެއްބަސްވުން ހަދާފައިވަނީ އެފަދަ ފަރާތްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް ފާސްކޮށްފައިވާ އިވެލުއޭޝަން ކްރައިޓީރިއާއި އެއްގެ ދަށުން ވަޒަންކޮށްގެން ނޫންކަމަށާއި، އަދި ޕްރޮޕޯސަލްތައް ހުށަހަޅާ ފައިވާ ފަރާތްތަކުގެ މާލީ ގާބިލްކަމާއި ފަންނީ ޤާބިލްކަން ހުރިވަރު ބަލައި ޑިއު ޑިލިޖެންސް ހަދައިގެން ވެސް ނޫން ކަމަށެވެ.

ނަމަވެސް ދޫކޮށްފައިވަނީ ކޮން ރަށްތަކެއް ކަމެއް މިރިޕޯޓުގައި ހާމަކޮށްފައެއްނުވެއެވެ. އޮޑިޓާ ޖެނެރަލް ވަނީ ރިޕޯޓުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ދައުލަތުގެ ބެލުމުގެ ދަށުގައިވާ ރަށްތަކާއި ބިން އަދި ފަޅުތައް ތަރައްގީކުރުމަށް އަމިއްލަ ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް އިންސާފުވެރިކަމާ އެކު ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ.