Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

މޫސުން ވަރަަށް ގޯސް، ރައްޔިތުން ކާބޯތަކެތި ރައްކާކުރޭ!

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އާދަޔާ ޚިލާފަށް ވައިގަދަވެ، ކަނޑުދަތުރު ނުކުރެވޭނެ ހާލަތަކަށް ގޮސްދާނެތީ އަތޮޅުތެރޭގެ ރައްޔިތުން ކާބޯތަކެއްޗާއި މެދު ރައްކާތެރިވުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެދިވަޑައިގެންފިއެވެ.

ޑިސާސްޓާ މެނޭޖްމަންޓާއި އެމްއެންޑީއެފްގެ ކޯސްޓުގާޑު އަދި ޑިފެންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޝަރީފް ވިދާޅުވެފައިވަނީ ރާއްޖޭގެ ކަނޑުތައް އާދަޔާ ޚިލާފަށް ގަދަވަމުން އަންނަ ކަމަށާއި މިދުވަސްވަރު ކަނޑުދަތުރު ކުރުން ނުރައްކާތެރި ކަމަށެވެ.

އަދި ދަތުރުނުކުރެވޭ ހާލަތަކަށް ގޮސްފިނަމަ އަތޮޅުތެރޭގެ ރަށްތަކަށް ކާޑާއި އެހެނިހެން ކާބޯތަކެތި ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވާތީ ރައްޔިތުން ކާބޯތަކެތި ރައްކާތެރިކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފައިވާއިރު ރޭ ގދ. ތިނަދޫއަށް ގަދަ ވަޔާއެކު ގޭގޭގެ ފުރާޅު އެއްލައި ފާރުވެއްޓުމުގެ ހާދިސާ ވަނީ ކުރިމަތިވެފައެވެ. މިހާދިސާގައި ތިނަދޫގެ ގިނަ ގެއަކަށް އަސަރުކޮށްފައިވާއިރު ބައެއް ގުދަނުގައި ރައްކާކޮށްފައި ތިބި ތަކެއްޗަށް ވެސް ވަނީ އަސަރުކޮށްފައެވެ.

މިއަދު ހެނދުނު ފ. ނިލަންދޫއަށް އެރި ނަގޫރޯޅީގައި އެރަށަށްވެސް އެކިވަރުގެ ގެއްލުންތަކެއް ކުރިމަތިވެފައިވާއިރު ޑިސާސްޓާ މެނޭޖްމަންޓުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ 14 ރަށަކަށް އެކިވަރުގެ ގެއްލުންތައް ވެފައިވެއެވެ.