ދުނިޔޭގެ އެންމެ ބޮޑު ސަހަރާ ކަމަށްވާ "ސަހާރާ ޑެޒާޓް" ގައި ޓްރަކެއް ހަލާކުވެ ހުއްޓި، ފެން ނުލިބުމުގެ ސަބަބުން 44 މީހުން މަރުވެއްޖެ ކަމަށް ރެޑް ކްރޮސް އިން ބުނެފިއެވެ.
އެ ހާދިސާގައި ސަލާމަތްވެފައި ވަނީ ހަ މީހުންނެވެ. އެ ހަ މީހުންނަކީ ވެސް އަންހެނުންނެވެ. މިހާރު އެމީހުންނަށް އުތުރު ނައިޖާ ގައި ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ރެޑް ކްރޮސް ގެ އޮފިޝަލް ލަވާލް ތާހިރް ވިދާޅުވި ކަމަށް ބީބީސީ އިން ރިޕޯޓް ކުރެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ވަރަށް ގިނަ ކުޑަކުދިން ވެސް ހިމެނެއެވެ.
ޓްރަކް ގައި ދަތުރު ކުރަމުން ދިޔަ މީހުންނަކީ ގާނާ އާއި ނައިޖީރިއާ ގެ ރައްޔިތުން ކަމަށާއި، އެމީހުން ދަތުރުކުރަމުން ދިޔައީ ލީބްޔާ އަށް ކަމަށް ނައިޖީރިއާގެ ނޫހަކުން ރިޕޯޓް ކޮށްފައިވެއެވެ.
ރެޑް ކްރޮސް ގެ އޮފިޝަލް ތާހިރް ވިދާޅުވި ގޮތުގައި މަރުވި މީހުންނަކީ ކޮން ބައެއްކަން އަދި މިހާތަނަށް އެނގިފައި ނުވެއެވެ.
ނައިޖާ އާއި ލީބްޔާ އާއި ދެމެދު އޮންނަ މަގަކީ ގިނަ ހިޖުރަވެރިން މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ދިއުމުގެ ކުރިން އުތުރު އެފްރިކާ އަށް ދާ މަގެވެ.
އެމީހުންގެ ދިގު ދަތުރުގައި "ސަހާރާ ޑެޒާޓް" ހުރަސް ކުރުމަކީ ކުރިމަތިލާން ޖެހޭ އެންމެ ނުރައްކާތެރި ކަމެވެ. އެއީ ޕިކަޕް ޓްރަކްތަކާއި އެކަށީގެންވާ މިންވަރަށްވުރެ ގިނައިން މީހުން އަރުވައިގެން، ވަރަށް މަދުން ފެން ހިފައިގެން އެ ޓްރަކްތައް ދަތުރުކުރާތީ އެވެ.
ކަމާއިބެހޭ ފަރާތްތަކުން ބުނާ ގޮތުގައި "ސަހާރާ" ގައި މިހާތަނަށް މަރުވެފައިވާ މީހުންގެ ރަނގަޅު އަދަދެއް ބުނާކަށް ނޭނގެއެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގައި ވެސް 34 ހިޖުރަވެރިންގެ މަރުވެފައިވާ ހަށިތައް ވަނީ ނައިޖާ އާއި އަލްޖީރިއާ އާއި ދެމެދު އޮންނަ ބޯޑަރު ކައިރިން ފެނިފައެވެ.
ޤަބޫލު ކުރެވޭ ގޮތުގައި އެމީހުން މަރުވީ އެމީހުން ގޮވައިގެން ދިޔަ މީހާ އެމީހުން ދޫކޮށްލާފައި ދިއުމުން، ފެން ނުލިބުމުގެ ސަބަބުންނެވެ.