އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އެކި ހިސާބުތަކުން މި ފެންނަ ހުދު ބޯޑަކީ ކޮން ބަޔަކު ކޮން މަގުސަދެއްގައި ޖަހާފައިވާ ބޯޑުތަކެއް ހެއްޔެވެ؟ މިއީ އައްޑޫއަށް އަލަށް އަންނަ ބައެއް މީހުންނާއި އަތޮޅުގެ ބައެއް މީހުންގެ އުފައްދާ ސުވާލެކެވެ.
އެކި ސަރަހައްދުތަކުގައި ޖަހާފައިވާ ބޯޑުތަކުގެ ތެރެއިން ބައެއް ބޯޑުތަކުން ފުލުހުންގެ ލޯގޯ އާއި އިންޝޫރެންސް ކުންފުންޏެއްގެ ލޯގޯ ފެނެއެވެ.
ހަގީގަތުގައި މި ބޯޑު ތަކަކީ 2015 ވަނަ އަހަރު ފުލުހުންނާއި އެލައިޑް ގުޅިގެން އައްޑޫގެ މަގުތައް ރައްކާތެރިކުރުމަށާއި މީހުން ހޭލުންތެރިކުރުމަށް ބޭއްވި 'ރައްކާ' ރޯޑް ޝޯވއަށް ފަހު ރައްޔިތުން ހޭލުންތެރި ކުރުމަށް އެކި މުހިއްމު މެސެޖް ދިނުމަށް ބެހެއްޓި ބިލްބޯޑުތަކެކެވެ.
އެ ބިލްބޯޑުތަކުގެ ކުލަ ވެއްޓި ޖެހި މަގްސަދު ފުރިހަމަ ނުވެ، މިއަދު އެބޯޑުތައް ހުރުމުގެ ބޭނުމެއް ނެތެވެ.
އައްޑޫގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި "ނަމަކަށް ކަމެއް ކުރާ އުސޫލުން" ހަރުކުރި ބިލްބޯޑުތަކަކީ، ވަކި ބަޔަކު ޕީއާރް ސްޓަންޓެއްގެ ގޮތުގައި ކުރިކަމެކެވެ. އެކަން ފުރިހަމަވުމުން އެ ބިލްބޯޑުތަކުގެ ކުލަ ވެއްޓުނަސް އެ ހަރުކުރި ފަރާތްތަކަށް ވަރިހަމަވާނެއެވެ.
ކިތަންމެ ރަނގަޅު މަގްސަދެއްގައި ހަރުކުރި ބިލްބޯޑުތަކަކަށް ވިޔަސް އޭގެ ސަބަބުން ކުރާ ފައިދާއެއް ނެތެވެ. ބިލްބޯޑު ހަރުކުރި ފަރާތުގެ އަސްލު މަގްސަދަކީ ބަޔަކު ހޭލުންތެރިކުރުން ކަމަށްވާނަމަ މި ބިލްބޯޑުތައް ބަދަލުކުރަންޖެހޭ ވަގުތު މިއޮތީ އައިސްޖެހިފައެވެ.