މިދިޔަ އަންގާރަ ދުވަހުގެ ރޭ ސަމާ އައިލެންޑް ރިސޯޓުން މާލެ ދަތުރު ކުރި ލޯންޗެއް ރީތިރަށް ރިސޯޓް ކައިރީ އަޅާފައި އޮތް ދޯންޏެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ބޮލަށް ސީރިއަސް ގެއްލުން ލިބުނު ސ. މީދޫ ހަނދުވަރުމަތީގެ އަލީ ވަސީމް އިތުރު ފަރުވާ އަށް ރާއްޖޭން ބޭރަށް ގެންދިއުމަށް ބޮޑު ހަރަދެއް ހިގާތީ އާއިލާއިން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
ވަސީމް، 30، ގެ ދައްތަ ފާޠިމަތު ވަސީމާ ބުނީ އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އެހެންވެ އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދެވޭނީ އެއާ އެމްބިއުލަންސްއެއް ޗާޓަރ ކޮށްގެންކަމަށެވެ. އެކަމަށް ދެ މިލިއަނެއްހާ ރުފިޔާ ހަރަދު ހިނގާނެ ކަމަށާއި އެކަމަށް ހަރަދު ކުރާނެ ފައިސާ އާއިލާގައި ނެތް ކަމަށެވެ.
ވެންޓިލޭޓަރގެ އެހީގައި އޮތް އަލީ ވަސީމްގެ ބޮލުގެ އޮޕަރޭޝަނެއް އަންގާރަ ދުވަހުގެ ރޭ ކޮށްފައިވާ އިރު އެ އޮޕަރޭޝަނާއި ގުޅޭ ގޮތުން ޑޮކްޓަރުންނަށް ވަކި އެއްޗެއް ބުނަން އެނގޭނީ 72 ގަޑި އިރަށް ބެލުމަށް ފަހު ކަމަށް އާއިލާއިން ބުންޏެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަހްމަދު އައްފާލް ވިދާޅުވީ އަލީ ވަސީމްގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، އައިސީ ޔޫގައި ދެން ފަރުވާ ދެމުން އަންނަ ތިން މީހުން ރިކަވަރ ވަމުން އަންނަ ކަމަށެވެ.
ވަސީމަށް ފައިސާގެ އެހީ ދޭން ބޭނުން ނަމަ 7921755 ނުވަތަ 7668057 ނަންބަރު ފޯނަށް ގުޅައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު (ދިވެހި ރުފިޔާ އެކައުންޓް) 7716310533101 އަދި 7716303934102 (ޑޮަލަރު އެކައުންޓް) އަށް ފައިސާ ފޮނުވައިދިނުމަށް އޭނާގެ އާއިލާ އިން އެދެ އެވެ.