Last Updated: June 11, 19:13
Thursday, June 11, 2026
މުނިފޫހިފިލުވުން

"ސަރަސްވަތީޗަންދްރާ" މާދަމާ ރޭ ސިޓިންރޫމްތަކަށް

މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފުރަތަމަ ޓީވީ ޕްރޮޑަކްޝަން ކަމަށްވާ "ސަރަސްވަތީޗަންދްރާ" މާދަމާ ރޭ ސްޓާ ޕްލަސް އިން ދައްކަން ފަށާނެ އެވެ.

ހިތްގައިމު ބޮޑެތި ސެޓްތަކުގައި އިންޑިއާގެ ސަގާފަތާއި އާދަކާތައް ދައްކުވައި ދޭ ގޮތަށް ފިލްމްތައް ޑައިރެކްޓް ކުރަން މަަޝްހޫރު ބަންސާލީގެ ޑްރާމާ ސިލްސިލާ މާދަމާ ރެއިން ފެށިގެން ހަފުތާ އަކު ފަސް ރޭ ދައްކާނެ އެވެ. މި ޑްރާމާ ދައްކާނީ އިންޑިއާ ގަޑިން 7:30 އަދި ރާއްޖެ ގަޑިން 7:00 ގަ އެވެ.

މި ޑްރާމާގެ ޕްރޮމޯ ޓީޒާތައް ސްޓާ ޕްލަސް އިން މިހާރު އަންނަނީ ދައްކަމުންވެ. އަދި ކެތްތެރި ކަމެއް ނެތި ބެލުންތެރިން އަންނަނީ ޑްރާމާ އަށް އިންތިޒާރު ކުރަމުންނެވެ.

މަޝްހޫރު ގުޖްރާތީ ވާހަކައެއް ކަމަށްވާ "ސަރަސްވަތީޗަންދްރާ" ގެ މައްޗަށް ބިނާކޮށް ހަމަ އެ ނަމުގައި ބަންސާލީ ހަދާފައިވާ ޑްރާމާ ސިލްސިލާގެ ލީޑް ރޯލުން ފެނިގެން ދާނީ ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ "ނަޗް ބަލިޔޭ 6" ގެ އެއް ހޯސްޓްގެ ގޮތުގައި ފެނިގެންދާ ގޯތަމް ރޯޑް އާއި "ކަސޯޓީ ޒިންދަގީ ކޭ" ފަދަ ޑްރާމާތަކުން މީގެ ކުރިން ފެނިފައިވާ ޖެނިފާ ވިންގެޓް އެވެ.

މީގެ އިތުރުން ބޮލީވުޑްގެ ބައެއް ފިލްމްތަކުން މީގެ ކުރިން ފެނިފައިވާ މޮނިކާ ބޭދީ ވެސް ޑްރާމާގެ މުހިއްމު ރޯލަކުން ފެނިގެން ދާނެ އެވެ.

"ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ސާވަރިއާ" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ބަންސާލީ އޭނާގެ ޑްރާމާ އާ ބެހޭ ގޮތުން ބުނީ ޓީވީ އަށް ޑްރާމާ އަށް ހަދަން ޖެހުމަކީ ލިބުނު ވަރަށް ހިތްގައިމު ތަޖުރިބާއެއް ކަމަށެވެ.
އަދި ޓީވީ މެދުވެރިކޮށް "ސަރަަސްވަތީޗަންދްރާ" ގެ ހާދިސާތައް ވީ އެންމެ ފުރިހަމަ އަށް ދައްކުވައި ދޭން ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ވާނެ ކަމަށް މިހާރު ދީޕިކާ ޕަދްކޯން އާއި ރަންވީރު ސިންގް އާ އެކު "ރާމް ލީލާ" ޑައިރެކްޓް ކުރަމުން އަންނަ ބަންސާލީ ބުންޏެވެ.