Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ލޯންޗް ހާދިސާގައި އަނިޔާވި މުވައްޒަފުންނަށް ރިސޯޓުން އެހީވަނީ

ރޭ ހިނގި ލޯންޗު އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލްގައި -- ސަން ފޮޓޯ:

މިދިޔަ އަންގާރަ ދުވަހުގެރޭ ރީތިރަށް ރިސޯޓު ކައިރީގައި އޮތް ދޯންޏެއްގައި ސަމާ އައިލެންޑް ރިސޯޓުގެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މުވައްޒިފުންނަށް އެހީވަމުން އަންނަ ކަމަށް ރިސޯޓުން ބުނެފިއެވެ.

ރިސޯޓުން ނެރުނު ބަޔާނެއްގައި އެކްސިޑެންޓުގައި އަނިޔާވި ރިސޯޓުގެ 14 މުވައްޒަފެއްގެ ހުރިހާ ކަމެއް އޭޑީކޭ ހޮސްޕިޓަލާއި ގުޅައިގެން ރިސޯޓުން ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ. އަދި އެހޮސްޕިޓަލުގެ ޑޮކްޓަރުންގެ ލަފާގެ މަތިން ކުރަން ޖެހޭ ހުރިހާ ކަމެއްވެސް ރިސޯޓުން ދަނީ ކުރަމުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އަނިޔާވި މުވައްޒިފުންގެ ތެރެއިން ހާލު ސީރިއަސްވެ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާ ދެއްވި މުވައްޒިފުންނަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ރިސޯޓުން ބުނެފައިވެއެވެ.

މިއެކްސިޑެންޓުގައި އަނިޔާވި 14 މީހުންގެ ތެރެއިން ތިން މީހަކު ސީރިއަސް ހާލަތުގައި އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު ހަ މީހަކު ވޯޑަށް ބަދަލުކޮށް 5 މީހަކު ހޮސްޕިޓަލުން މިހާރު ވަނީ ދޫކޮށްލާފައެވެ. އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވި ސ. މީދޫ ހަނދުވަރީގެ، އަލީ ވަސީމްގެ ބޮލަށް ލިބުނު އަނިޔާތަކާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ވަނީ އޮޕަރޭޝަނެއްވެސް ކޮށްފައެވެ.