2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިގޮތަށް ވިދާޅުވީ، ޖަރުމަންވިލާތަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ޓީވީއަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިޙާބާއި ދިމާކޮށް ރާއްޖެ ވަޑައިގެން އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށާއި، އެހެން ނަމަވެސް ރާއްޖެ ވަޑައިގެންފި ނަމަ އެނބުރި ޖަލަށްދާން ޖެހުމުގެ "ރިސްކޮ" އޮތް ކަން ފާހަގަކުރައްވާފައެވެ.
މީގެ ކުރިންވެސް ރާއްޖޭގައިހުރި މައްސަލަތަކާއި ދެކޮޅަށް މަސައްކަތްކޮށް ކާމިޔާބު ހޯއްދަވާފައި ވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، މިހާރުވެސް އެ ކާމިޔާބު ހޯއްދެވިދާނެ ކަމަށް ޤަބޫލުފުޅުކުރެވޭ ކަމަށެވެ.
މީގެ ކުރިން އެތައް ފަހަރަކު ޖަލުގައި ދުވަސްތައް ހޭދަކުރައްވާފައިވާ ނަޝީދު ވިދާޅުވީ، ޖަލަށް ވަޑައިގަންނަވަން ޖެހުނުކަމުގައި ވީނަމަވެސް، ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް އެފަދަ "ރިސްކް" ތައް ނަގަން ޖެހޭ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރައްވައި އިންސާފުވެރި އިންތިހާބަކަށް ފުރުސަތު ދެއްވާނެކަމުގެ އުންމީދު ކުރައްވާ ކަމަށެވެ.