އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު ކަމަށް އަލަށް އިންތިހާބުވި ބޭފުޅުން ކައުންސިލަރުކަމުގެ ހުވާ މިރޭ ކުރައްވައިފި އެވެ.
ޝަރަފުއްދީން ސްކޫލްގައި ބޭއްވި ކައުންސިލަރުން ހުވާ ކުރެއްވުމުގެ ދަރުބާރުގައި 7 ކައުންސިލަރުންނަށް ހުވާ ލައިދެއްވީ ސ. ޖުޑިޝާލް ސާވިސްގެ އިސް މެޖިސްޓްރޭޓް، މުހައްމަދު ހާޝިމެވެ.
ހުވާ ކުރެއްވުމަށް ފަހު ކައުންސިލަރުކަމުގެ އިގުރާރުގައި މެމްބަރުން ވަނީ ސޮއިކުރައްވައިފަ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ތިން ވަނަ ދައުރަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރެއްވުމުގެ މި ރަސްމިއްޔާތުގައި ފާއިތުވި ދައުރުގެ ކައުންސިލަރުންނާއި އައްޑޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
އައްޑޫ ސިޓީ ކައުންސިލަށް މިފަހަރު ވެސް އިންތިހާބުވެފައި ވަނީ މުޅިން ވެސް އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުންނެވެ.