ޔުއެފޭ ޗެމްޕިއަންސް ލީގު ފައިނަލުގައި ރިއަލް މެޑްރިޑާއި ޔުވެންޓަސް ބައްދަލުކުރި މެޗު 1-4 އިން ރިއަލް ކާމިޔާބުކޮށް ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ދެފަހަރު ކާމިޔާބުކުރި ހަމައެކަނި ޓީމަށްވެ ތާރީހުގެ ތެރެއަށް ރެއަލް ވަދެގެންގޮސްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު 20 ވަނަ މިނެޓުގައި ޖަހާފައިވަނީ ރިއަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ނަމަވެސް 27 ވަނަ މިނެޓުގައި ޔުވެންޓަސްގެ މަންޒޫކިޗް ވަނީ އޯވަހެޑް ގޯލަކާއެކު މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ފުރަތަމަ ހާފު 1-1 އިން އެއްވަރުވެ ނިމިގެން ގޮސްފައިވާއިރު ޔުވެންޓަސް އިން ވަނީ ރިއަލްއަށް ވުރެ ގިނަ ހަމަލާ އުފައްދައި ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް ދެވަނަ ހާފުގައި ފެނިގެން ގޮސްފައިވަނީ މުޅިން ތަފާތު މަންޒަރެކެވެ.
ރިއަލްއިިން ފުލުފުލުގައި ނުރައްކާތެރި ހަމަލާ އުފައްދައި ޔުވެންޓަސްގެ ޑިފެންސް ލައިނަށާއި ގޯލު ކީޕަރަށް ޕްރެޝަރުކޮށްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން 61 ވަނަ މިނެޓުގައި ކަސެމީރޯ އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ ޔުވެންޓަސްގެ ކީޕަރު ބުފޮންއަށް މަތަކުރެވޭނެ ގޮތެއް ނުވިއެވެ.

ރިއަލްގެ ލީޑު 3 މިނެޓު ފަހުން 1-3 އަށް ފުޅާކޮށްފައިވަނީ އަނެއްކާވެސް ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި ޖެހި 600 ވަނަ ލަނޑެވެ. ޔުވެންޓަސްއަށް އިތުރު ހިތްދަތިކަމެއް ލިބުނީ ކައިރި ކައިރީގައި މެޗު ނިމެން ދަނިކޮށް ޔުއަން ކުއަޑްރާޑޯއަށް ދެއްކި ދެރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ.
މެޗުގެ ފަހު ލަނޑާއެކު ތަށި ޔަގީން ކޮށްފައިވަނީ މެޗުގެ 90 ވަނަ މިނެޓުގައި މާސެލޯ އޭރިޔާ ތެރެއިން ހުރަސްކޮށްދިން ބޯޅަ ޒުވާން އެސެންސިއޯ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ޒިނެދީން ޒިދާން ރިއަލްގެ މެނޭޖަރު ކަމާއި ހަވާލުވިފަހުން ކުޅުނު ދެ ޗެމްޕިއަންސް ލީގު ފައިނަލުވެސް ކާމިޔާބުކޮށް ތާރީޚުގެ ތެރެއަށް ވަދެގެންގޮސްފައިވާއިރު އޭނާގެ ޓީމު ވަނީ މިސީޒަނުގެ ލަލީގާވެސް ނަގާފައެވެ.