އައްޑޫގެ ހުރިހާ ރަށެއްގެ މަގުތައް ހަދަން ސަރުކާރުގެ ބަޖެޓްގައި ހިމަނައި، ބަޖެޓް ފާސް ކުރި ފަހުން ހަ މަސް ދުވަސް ފާއިތުވެގެންދާ އިރު އަދި މިހާތަނަށް މި މަޝްރޫއުއާ ގުޅިގެން ސަރުކާރުން ވާހަކަ ދެއްކީ އެންމެ ފަހަރަކު އެވެ.
އެއީ ވެސް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި "ކުއްލި" ޓްވީޓަކުންނެވެ.
ޑރ. މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސިއެރާ ކޮންސްޓްރަކްޝަން އާއި ހަވާލު ކުރުމަށް 4 މޭއި 2017 ގައި ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.
މިނިސްޓަރ މުއިއްޒު އެ ވިދާޅުވި ގޮތުން ނަމަ ސަރުކާރުން ސިއެރާ ކުންފުނި އާއި މަސައްކަތް ހަވާލު ކުރަން ނިންމިތާ މިއަދަށް 1 މަސް ދުވަސްވީއެވެ. ނަމަވެސް އަދި މިހާތަނަށް މި މަސައްކަތް ސިއެރާ އާި ހަވާލު ކުރިކަން ސަރުކާރުން އިއުލާނެއް ނުކުރެއެވެ. އެ ހަފްލާ ބާއްވައި "ޝުކުރިއްޔާ ޔާމީން" ސްޓޭޓަސް ޖަހާކަށް ނުފަށައެވެ.
އައްޑޫގެ މަގު ހެދުމަށް 2016 ވަނަ އަހަރުވެސް ބަޖެޓް ކުރިއެވެ. ނަމަވެސް އެ އަހަރު ނިމިގެން ދިޔައީ އެއްވެސް މަގެއް ނެހެދިއެވެ. މިދިޔަ އަހަރު ހައުސިން މިނިސްޓަރ ވިދާޅުވީ އެއަހަރު ބަޖެޓްގައި އައްޑޫ މަގު ހެދުން ޖަހާފައިވާނީ މަގު ހެދުން ފޭސް 2 ގެ ނަމުގައި ކަމަށެވެ.

2017 ވަނަ އަހަރުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީ ތަމްސީލުކުރައްވާ 4 މެމްބަރުން ވޯޓު ދެއްވިއެވެ. އެއީ ޕީޕީއެމްގެ ދެ މެމްބަރުންނާއި އެމްޑީޕީގެ 2 މެމްބަރުންނެވެ.
އައްޑޫގެ މަގު ހެދުމާއި ގުޅޭ ގޮތުން މަޖްލިސް އާއި މަޖިލީހުން ބޭރުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅަކީ ހިތަދޫ މެދު ދާއިރާގެ މަޖްލިސް މެމްބަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމްދީ އެވެ.އިބްރާހިމް ދީދީ ވިދާޅުވި ގޮތުގައި މަގު ހެދުމުގެ މައުލޫމާތު ހޯދުމަށް ތަކުރާރުކޮށް މަސައްކަތް ކުރައްވައިގެން ތަފްސީލެއް ލިބިވަޑައި ނުގަންނަވައެވެ. އޭނާ ވިދާޅުވީ ބަޖެޓަށް ވޯޓު ދެއްވީ ވެސް މަގުހެދުމުގެ މަސައްކަތް އަވަސް ކުރުމަށް ބާރު އެޅުއްވުމަށް ކަމަށެވެ.
"ބަޖެޓަށް ވޯޓު ދިނީ ވެސް މަގު ހެދުމުގެ މަސައްކަތް އަވަސްކުރުމަށް ބާރު އެޅުމަށް. އެ ވާހަކަ ވީހާވެސް ގިނައިން ދައްކައި މިކަން ކުރުވުމަށް. އެހެން ނަމަވެސް މަގު ހެދުމާއި ގުޅޭ ގޮތުން ސަރުކާރުން އެއްވެސް މަސައްކަތެއް ކުރައްވާތަނެއް ނުފެނޭ" އިބްރާހިމްދީދީ ވިދާޅުވިއެވެ.

އައްޑޫގެ މަގު ހެދުމާއި އެކަން ކަން ބެލެހެއްޓުމަށް ހައުސިން މިނިސްޓްރީގެ އޮފީހެއް އައްޑޫގައި ގާއިމްކޮށްފައި ހުރި ނަމަވެސް އެތަނުގެ މަސައްކަތެއް އެކަށީގެންވާ ގޮތަކަށް ކުރިއަކަށް ނުދެއެވެ.
ވެލި މަގުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދި ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ބޮޑެތި އުނދަގޫތައް ކުރިމަތިވަމުން އަންނަ އިރުވެސް އެކަން ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުފެނެއެވެ.
މީގެ އިތުރުން ތާރު އަޅައިގެން ހަދާފައިވާ މަގުތަކަށް ވެލި ޖަމާވެ، އެމަގުތައް ބޭނުން ކުރާ މީހުންނަށް ބޮޑު "ތުރާލަކަށް" ވެފައިވާއިރު މަގުތައް ސާފުކުރުމަށް ވެސް ހައުސިން މިނިސްޓްރީ އައްޑޫ ޑިޕާޓްމަންޓުން މަސައްކަތް ނުކުރާކަން ފާހަގަކޮށްލެވެއެވެ.