އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މަޝްހޫރު ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައި ނުގަނެ މަޖިލީހުން ބޭރު ކޮށްލައިފި އެވެ.
ޔާމީންގެ މަރުގެ ތަހުގީގު މިނިވަން ފަރާތެއް މެދުވެރިކޮށް ކުރުމަށް ގޮވާލައި މެންބަރު ނިޒާރު، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ފާއިތުވި އޭޕްރީލް މަހުގެ ތެރޭގައެވެ.
މި މައްސަލަ މަޖިލީހުން ބޭރުކޮށްލުމާއި ގުޅިގެން ނިޒާރު ވިދާޅުވެފައި ވަނީ، ޔާމީންގެ ކުއްލި މައްސަލައެއް ހުށަހެޅުއްވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށާއި އެ އެ މައްސަލަ ބަލައިނުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލާފައިވާއިރު، މީގެ 10 އަހަރު ކުރިން މަރާލާފައި މާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮތްވައި ފެނުނު ސ.ހިތަދޫ ހުސަން ސޮލާހުގެ މަރުގެ މައްސަލަ ވެސް މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.