Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

އައްޑޫން މަހަށް ނިކުތް ޑިންގީއެއް ބަންޑުން ޖަހާލައި މީހަކު ގެއްލިއްޖެ

އައްޑޫންމަހަށް ނިކުމެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލައި އެއިން ދަތުރުކުރި މީހަކު ނުފެނިގެން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ އައްޑޫ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވީ ޑިންގީއެއް ބަންޑު ޖަހާލައި އެއިން ދަތުރު ކުރި މީހަކު ގެއްލިގެން ހޯދަމުންދާ ކަމުގެ މައުލޫމާތު މީގެ އިރުކޮޅެއް ކުރިން ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިބްރާހިމް އާޒިމް ވިދާޅުވީ ޑިންގީއެއް ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައިވަނީ މިރޭ 8:30 ހާއިރު ކަމަށެވެ.

މިހާދިސާ ހިނގި އިރު ޑިންގީގައި ތިން މީހުންނަކީ، ސ.ފޭދޫ ބެންހާގޭ ނާފިއު އާއި އެރަށު ފަހާގޭ ހުސައިން ސައީދު އަދި ހިތަދޫ ރާސްޕަރީގޭ ސުމައިދުއެވެ.

ޑިންގީ ބަންޑުން ޖަހާލުމާއި އެކު ނާފިއު އާއި ހުސައިން ސައީދު ވަނީ ފަތާފައި ގޮސް ޝަންގްރިއްލާ ރިސޯޓަށް އަރާފައެވެ.

ބަންޑުން ޖަހާލި ޑިންގީގައި ތިިބި 3 މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުން ދަނީ، ސ.ހިތަދޫ ރާސްޕަރީގޭ، ސުމައިދު އެވެ. ހިތަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ސުމައިދު އަކީ ޕޮލިސް ކޯޕްރަލް އެކެވެ. .

ހާދިސާ ހިނގި ސަރަހައްދަށް އެމްއެންޑީއެފްގެ ހާބަރ ޕެޓްރޯލް ލޯންޗަކާއި ހުޅުމީދޫގައި އޮންނަ ސީ އެމްބިއުލަންސް ވަނީ ގޮސްފައެވެ. އަދި އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމަކާއި އައްޑޫގެ ބައެއް މަސްވެރިން ވެސް މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.