Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

މާޗް 4 ބަންދު ދުވަހަކަށް

އަންނަ މަހުގެ 4 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ދުވަސް ބަންދު ދުވަހެެއްގެ ގޮތުގައި ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، މާޗް މަހުގެ 4 ވާ ހޯމަ ދުވަހު ބާއްވަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ހަމަޖައްސަވާފައި ވާތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކަމަށެވެ. އަދި ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާނީ އެ ދައުރެއް ފެށޭ ތާރީޚާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު ކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަވާން ޖެހިވަޑައިގަންނަވަ އެވެ.