Last Updated: June 30, 04:45
Tuesday, June 30, 2026
ޚަބަރު

ލަންޑަނަށް ދިން ހަމަލާއާ ގުޅިގެން 12 މީހަކު ހައްޔަރުކޮށްފި

ފޮޓޯ: ޕީއޭ

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ދިން ޓެރަރިސްޓް ހަމަލާއެއްގައި ހަތް މީހުން މަރުވެ، 48 މީހުން ޒަޚަމްވެފައިވާ އިރު، އެ ހަމަލާއާ ގުޅުން ހުރި 12 މީހަކު ހައްޔަރުކޮށްފި އެވެ.

އެމީހުން ހައްޔަރު ކޮށްފައި ވަނީ ހަމަލާދިން ތިން މީހުންގެ ތެރެއިން އެކަކު ދިރިއުޅެމުން ދިޔަ ފްލެޓް ބަލައި ފާސް ކުރުމުގެ ތެރެއިންނެވެ.

ހޮނިހިރު ދުވަހު ލަންޑަން ބްރިޖްގައި ތިބި މީހުންނާ ދިމާލަށް އައި ވޭނަކުން ފޭބި ތިން ފިރިހެނަކު ވަނީ ބޮރޯ މާރުކޭޓު ކައިރީގައި ތިބި އާންމު ރައްޔިތުންނަށް ހަމަލާދީފަ އެވެ.

އެގޮތުން ހަމަލާދިން ތިން މީހުން ވަނީ އަށް އޮފިސަރަކު ޖެހި 50 ވަޒަނުގެ ސަބަބުން މަރުވެފައެވެ. ބަޑި ޖެހުމުގެ ތެރޭގައި އޮޅުމަކުން އާންމުންގެ އެކަކުގެ ގަޔަށް ވެސް ވަނީ ވަޒަން އަރާފައެވެ.

އެމީހާ އަދިވެސް އޮތީ ހޮސްޕިޓަލުގައި ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް އެސިސްޓެންޓް ކޮމިޝަނަރު މާކް ރޯލީ ވިދާޅުވިކަމަށް ބީބީސީ އިން ރިޕޯޓް ކުރެއެވެ.

އޭނާ ބުނާ ގޮތުގައި އެކިއެކި ޒަޚަމްތައް ލިބުމުގެ ސަބަބުން 36 މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށާއި، އިތުރު 21 މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.

އެއީ ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ޔޫކޭގައި ދިން ތިންވަނަ ހަމަލާއެވެ. މާޗު މަހު ވެސްޓްމިންސްޓާގައި ދިން ހަމަލާއެއްގައި ފަސް މީހުން މަރުވެފައިވާއިރު، މީގެ ގާތްގަނޑަކަށް ދެހަފްތާ ކުރިން މެންޗެސްޓާގައި ދިން ހަމަލާއެއްގައި ވެސް 22 މީހުންގެ ފުރާނަ ވަނީ ގޮސްފައެވެ.